ޚަބަރު

ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް


ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ 25 ކުންފުންޏަކަށް ދީފިއެވެ. އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ ހުއްދަދޭ މުއްދަތަށް ގެނައި އިސްލާހާއިއެކު މި 25ކުންފުންޏަށް ހުއްދަ ދޫކޮށްފައިވަނީ ދެއަހަރު ދުވަހުގެ މުއްދަތަށްކަމަށެވެ. މީގެކުރިން ހުއްދަ ދޫކުރަމުން އައިސްފައިވަނީ އެއް އަހަރުގެ މުއްދަތަށެވެ.

މިއަހަރު ހުއްދަ ދީފައިވާ 25 ކުންފުނީގެތެރޭގައި މިދިޔަ އަހަރު ހައްޖައް މީހުން ގެންދިއުމަށް ހުއްދަ ދިން 14 ކުންފުނި ހިމެނެއެވެ.
އުމްރާއަށް ގެންދިއުމަށް ކުންފުނިތައް ހުއްދަ ދޫކޮށްފައިވަނީ ބިޑް އުސޫލުންނެވެ. ހުއްދަ ދިނުމުގެ އުސޫލު މިގޮތަށް ގެންގުޅެނީ ކުންފުނިތަކުގެ ސައްޙަކަންބަލައި، މި ޚިދުމަތް ވީހާވެސް ދެފުއްފެންނަ، ފެންވަރު ރަނގަޅު ޚިދުމަތެއްގެ ގޮތުގައި ދިނުމަށެވެ.

އުމްރާއަށް މީހުން ގެންދެވެނީ އިސްލާމިކް މިނިސްޓްރިއިން ކަނޑައަޅާ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. ދިވެހިރާއްޖެއިން އުމްރާއަށްދާ މީހުން ގެންދިއުމުގެ ޤާނޫނު ބުނާގޮތުން، އުމްރާއަށް މީހުން ގެންދެވޭނީ 100 ޕަސެންޓް ދިވެހި ކުންފުނިތައްކަށެވެ. އަދި ހުއްދަ ދޭއިރު ކުންފުނިތަކާއި، ކުންފުނީގެ އިސްވެރިންގެ ޚިޔާނާތުގެގެ މައްސަލައެއްވޭތޯ ބެލުމަކީވެސް، ހުއްދަ ދިނުމުގައި އިސްކަމެއްދީގެން ބަލާ ކަންކަމެވެ.

ގަވައިދު ބުނާގޮތުން އުމްރާއަށް މީހުން ގެންދިއުމަށްފަހު ، ގެންދާ ފަރާތްތަކަށް ދޭން އެއްބަސްވެފައިވާ އެއްވެސް ޚިދުމަތެއް ފުރިހަމަކޮށްދީފައި ނުވާނަމަ ނުވަތަ މަކަރާއި ހީލަތުން އެއްވެސް ޢަމަލެއް ހިންގައިފިނަމަ، އެފަދަ ކުންފުނިތަކަށް އުމްރާއަށް ގެންދިއުމުގެ ހުއްދަ ބާތިލްކުރުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ވޭތުވެދިޔަ އަހަަރު އުމްރާއަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ 15 ކުންފުންޏަކަށެވެ. މި ކުންފުނިތައްވެސް ކަނޑައަލާފައިވަނީ ބިޑް އުސޫލުން، ހުށައަޅާ ލިޔެކިޔުންތަކަށް ބެލުމަށް ފަހުއެވެ.