ވިޔަފާރި

ބީއެމްއެލްއިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި ޚާއްސަ ފަންޑެއް ތަޢާރަފްކޮށްފި


ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އިޖުތިމާޢީ ހަރަކާތްތަކަށް އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" ގެ ނަމުގައި ޚާއްސަ ފަންޑެއް ތަޢާރަފްކޮށްފިއެވެ.

މިއީ ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ޕްރޮގްރާމުގެ ދަށުން ތައާފްކޮށްފައިވާ ފަންޑެކެވެ. މިއަހަރުގެ ހަތަރު ކުއާޓަރަށް ބަހާލައިގެން ކުރިއަށްގެންދާ މި ފަންޑަކީ އެއް މިލިއަން ރުފިޔާ ހޭދަކޮށްގެން ބީއެމްއެލްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ކޮންމެ ކުއާޓަރެއްގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
އެގޮތުން އެކުއާޓަރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަސް ފަރާތަކަށް ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ޑެޕިއުޓި ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ މި ފަންޑާއިއެކު މުޖުތަމަޢުގެ ލާބައަށް އަމިއްލަ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ލުޔެއް ލިބިގެންދާނެކަމަށެވެ.

"ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފަ. މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ."
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުހައްމަދު ސަޢީދު ވިދާޅުވީ، މި ފަންޑް މެދުވެރިކޮށް އެހީދިނުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ ދާއިރާއާއި ގުޅޭ އެކި ހަރަކާތްތަކަށް ކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ސިއްޚީދާއިރާ، ކުޅިވަރުގެ ދާއިރާ، އަދި ތިމާވެށީގެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ފަންޑިންގ ދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ މާޗު މަހުގެ 12 ގެ ނިޔަލަށް ބީއެމްއެލްއިން ވަނީ ހުޅުވާފައެވެ.
އަމިއްލަ ފަރުދުންނާއި ވިޔަފާރިތައް އަދި ޖަމިއްޔާތަކަށް އެހީތެރިވުމަށްޓަކައި ބިއެމްއެލްއިން ދަނީ އެކި ފެންވަރުގެ މަސައްކަތްތައް ކުރަމުންނެވެ.