ޚަބަރު

ޔާމީންގެ ޝަރީއަތް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެން


މަނީ ލޯންޑަރިންގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ އާއްމުކޮށް ހުޅުވާލައިގެންކަމަށް ޕްރޮއސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް ކުރިމިނަލްކޯޓަށް ހުށައަޅާފައިވާ ދަޢުވާގެ ޝަރީއަތުގެ އަޑުއެހުންތަކުގެ އެއްވެސް ބައެއް ސިއްރުކުރަން އެ އޮފީހުން އެދިފައިނުވާނެކަމަށެވެ. އަދި އެ ޝަރީއަތް ކުރިއަށްދާނީ އާއްމުކޮށް ހުޅުވައިލައިގެން ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ އިއްޔެއެވެ. މި އަޑުއެހުންވެސް ކުރިޔަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އިއްޔެވަނީ އަމުރުކުކޮށްފައެވެ. މި އަމުރާއި އެކު އިއްޔެ ހަވީރުގެ ވަގުތެއްގައި ޔާމީންވަނީ މަފުށީ ޖަލަށް ބަދަލުކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ގިނަ ޝަރީއަތްތަކެއް ހިންގަވާފައިވެއެވެ. އަދި މީގެތެރެއިން ގިނަ މައްސަލަތަކެއް ކުރިޔަށް ގެންގޮސްފައިވަނީ ނޫސްވެރިންނަށްވެސް ނުވަދެވޭ ގޮަތަށް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައެވެ. އަދި ގިނަ ޝަރީއަތްތައް ކުރިޔަށް ގެންގޮސްްފައިވަނީ ފަޓާސް ބަރިއެއްހެންކަމަށް ބުނެ ގިނަ ވަކީލުންނާއި ޝަރީއީ ދާއިރާގެ މަސައްކަތްކުރައްވާ ގިނަ ފަރާތްތަކުންވަނީ ފާޑުކިޔާފައެވެ.

އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފްއިން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެ މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުރާފުވެޑައިގެންފައެވެ.

ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން ވަނީ މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕައިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.