ޚަބަރު

ބިލިއާޑް ކޯޗުންނަށާއި ރެފްރީންނަށް ހާއްސަކޮށް ބޭއްވި ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި



ބިލިއާޑް ކޯޗުންނަށާއި ރެފްރީންނަށް ހާއްސަކޮށް ބޭއްވި އޭޕީބީޔޫ ލެވެލް ސީގެ ކޯސް ކާމިޔާބުކަމާއެކު ނިންމާލާ ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ބިލިއާޑް ކުޅުންތެރިންނާއި ކޯޗުން ހިމެނޭގޮތަށް ޖުމްލަ 33 ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ކޯސް ކުރިއަށް ގެންގޮސްފައިވަނީ އޭޝިއަން ޕޮކެޓް ބިލިއާޑް ޔޫނިއަންގެ ސްޕޯޓްސް ޑިރެކްޓަރ ކަޒޫއޯ ފުޖިމާގެ އިރުޝާދުގެ ދަށުންނެވެ.

ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ގައުމީ ބިލިއާޑް ޓީމްގެ މެނޭޖަރ އަހުމަދު މާހިދު ބުނީ، މީގެ ކުރިން މިފަދަ ކޯހެއް ހިންގިފައި އޮތީ ދިހަ އަހަރު ކުރިން ކަމަށާއި އެހެންކަމުން މި ކޯހުގެ އެންމެ ބޮޑު މަގުސަދަކަށްވީ އޭރުގެ ލައިސެންސްތަކުގެ މުއްދަތު ހަމަވެފައި ހުރުމާއެކު، އަލުން މުޅިން އާ ބެޗަކަށް ކޯޗިން އަދި ރެފްރީ ކުރުމުގެ ހުނަރު ދަސްކޮށްދީ، މުބާރާތްތައް ބޭއްވޭގޮތް ހަރުދަނާކުރުންކަމަށެވެ.
އަދި ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް މަސައްކަތް ކުރާއިރު ލައިސެންސް ހޯދާފައިވާ ކޯޗުން ތިބުމަކީ ކުޅިވަރު ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

"މި ކޯހުގެ މަގުސަދަކީ 10 އަހަރު ކުރިން އެންމެ ފަހުން ކޯޗިން ކޯހެއް ހިންގިފަ އޮތީ، އެހެންވީމަ (ލައިސެންސް) އެކްސްޕަޔަރ ވެފަ ތިބީ، އެހެންވެ އަލުން ލައިސެންސް ރިނިއު މި ކުރެވުނީ، އެއާއެކު މުޅިން އާ ބެޗެއް، ޕްރޮފެޝަނަލް ލެވެލްއެއްގަ މުބާރާތްތައްވެސް ހިންގޭނެ، ދެން ޔޫތް ޑިވެލޮޕްމެންޓް ލޯންޗް ކުރާއިރު ޕްރޮފެޝަނަލް ކޯޗުންނާއެކު ކުރެވުމަކީ ކުޅިވަރު ކުރިއެރުވުމަށް ކާމިޔާބު ލިބޭނެ ކަމެއް" މާހިދު ބުންޏެވެ.

ކޯހާއި ގުޅޭގޮތުން ކޯހުގެ ބައިވެރިން ބުނީ، ހަމައެކަނި ގަވާއިދު ކިޔައިގެން ނޭނގޭ އެތައްކަމެއް ކޯހުގެ ތެރެއިން ދަސްވެއްޖެ ކަމަށާއި ކޯސް ކުރިއަށް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި އެންމެ މޮޅު ކުޅުންތެރިން ދަސްކުރާ ގޮތްތަށް، އާ ކުޅުންތެރިންނަށް އުގަންނައިދިނުމަށް މި ކޯހުގެ ސަބަބުން މަގުފެހިވެގެންދާނެ ކަމަށެވެ.

"ޓްރެއިނިން ވަރަށް ޕްރޮޑަކްޓިވް، އަޅުގަނޑުމެން ކުޅޭތާ ވަރަށް ދުވަސް ވެއްޖެ، ކުޅުމުގެ ތެރޭގަ ގަވާއިދުތައް ދަސްވެފަ ހުރިކަމަކު ރެފްރީކަން މިގޮތަށް ޕްރޮފެޝަނަލް ސްޓޭންޑަޑެއްގަ ކުރަން އަންނަ އިރުގަ އެބަހުރޭ ބަލަން ޖެހޭ ވަރަށް ބައިވަރު ކަންތައްތައް، ހުސްއެކަނި ގަވާއިދު ކިޔައިގެން ނޭނގޭ ކިތަންމެ ކަމެއް ދަސްވެއްޖެ. ވަރަށް ފުރިހަމަ ޕްރޮގްރާމެއް މިއީ" ކޯހުގެ ބައިވެރިއެއް ބުންޏެވެ.

ތަޖުރިބާއާއި ހުނަރަށް ބެލުމަށްފަހު މި ކޯހުގެ ހަތަރު ބައިވެރިޔަކަށް ލެވެލް ބީގެ ރެފްރީ ލައިސެންސްގެ ހުއްދަ ލިބިފައިވެއެވެ. ލެވެލް ބީގެ ލައިސަންސާއެކު ބައިނަލްއަގުވާމީ މެޗްތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު އެބައިވެރިންނަށް އޮންނާނެއެވެ.