ޚަބަރު

ޝަރުޢީ ދާއިރާ އިސްލާހުކޮށް ތަންފީޒުކުރެވޭނީ ނާޖާއިޒު އެޖެންޑާތައް އެއްފަރާތްކޮށްގެން- އުއްތަމަ ފަނޑިޔާރު


ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރެވޭނީ އެކަމަށްހުރި ހުރަސްތައް ނައްތާލައި ސިޔާސީ ނުބައި މަޤުސަދުތަކާއި ނާޖައިޒު އެޖެންޑާތައް އެއްފަރާތްކޮށްގެން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ފެށުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ ދުސްތޫރުން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން އޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު އުފައްދަވާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިނިވަން ފަނޑިޔާރުގެއެއް އުފެއްދުމަށްފަހު އަދުލު އިންސާފު ޤާއިމުކުރުމުގެ މާތް އަދި މަތިވެރި ޒިންމާގެ މަގުގައި ރާއްޖެ މިސްރާބު ހިފާފައިވަނީ ކިހިނެއްތޯ ބަލައި އެކަމާ ފިކުރު ކުރަންޖެހޭ ކަމަށެވެ.

"ކުރިމަގަށްޓަކައި، ޤައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ޝަރުޢީ ނިޒާމުގެ މިނިވަންކަން ކަށަވަރުކުރުމާއި ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްޤީކުރުމަށްޓަކައި ކުރުންޖެހިފައި ހުރި މަސައްކަތްތައް ފަރުވާތެރިކަމާއެކު ބަލައި ޕްލޭންތައް ހަދާ އެ ޕްލޭންތައް އަމަލީގޮތުން ތަންފީޒުކުރުމަށްޓަކައި އިޚުލާސްތެރިކަމާއެކު ހެޔޮހިތުން މަސައްކަތްކުރަންޖެހޭ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ރައީސްކަމުގެ ހުވައި ކުރައްވައި ޤައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ޤާނޫނު އަސާސީގައި ތިންބާރު ވަކިކުރެވިފައިވާކަން ފާހަގަކުރައްވާ، އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމު އިސްލާޙުކޮށް، ފަނޑިޔާރުގެއަކީ ނުފޫޒެއްނެތި ނަޒާޙަތްތެރިކަމާއެކު ހިންގާ ތަނަކަށް ހެދުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަން ކަމަށް ވިދާޅުވެފައިވާތީ ރައީސް ޞާލިޙުއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ޝަރުއީ ދާއިރާގެ ފަރާތުން، ދާއިރާ އިސްލާހުކޮށް، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މައިގަނޑު ތިން ކަމަކަށް ވިސްނުން ބަހައްޓަންޖެހޭ. އެގޮތުން ޝަރުއީ ދާއިރާގެ ހައިރާކީ ނިޒާމު ހަރުދަނާ ކުރުމާއި އިދާރީ ހިންގުމާ ބެހޭ އިޖުރާއަތުތައް އިސްލާހު ކުރުމާއި މުވައްޒަފުންގެ އިލްމާއި އަހުލާގު ހުރިކަން ކަށަވަރު ކުރަންޖެހޭ. އެ ތިން ކަންތައް އިސްލާހުވެއްޖެނަމަ ފަނޑިޔާރުގޭގެ ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަން ފަސާދައިގެ ވަބާތަކުން ފަނޑިޔާރުގެ ތާހިރުވެ ފަނޑިޔާރުގެއަށް ރައްޔިތުންގެ އިތުބާރު ލިބުމަށް މަގުފަހިވާނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވަނީ، ފަނޑިޔާރުންނަކީ މިނިވަން ބައެއްކަން ފާހަގަކުރައްވާ، ފަނޑިޔާރުންގެ ކަންކަމާ ބެހި، ޝަރުއީ ދާއިރާގެ އަގު ވައްޓާލުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް އިލްތިމާސް ކުރައްވާފައެވެ.

"ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް"ގެ ނަމުގައި ކުރިއަށްގެންދާ ކޮންފަރެންސަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. އެގޮތުން ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ސެޝަން "ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ މިނިވަންކަން" މި މަޢުޟޫއަށް ކުރިއަށްގެންދާއިރު ދެވަނަ ދުވަހުގެ ސެޝަން ކުރިއަށްދާނީ "ޝަރުޢީ ނިޒާމް އިސްލާހުކުރުން" މި މައުޟޫގެ މައްޗަށެވެ. މި ކޮންފަރެންސް ކުރިއަށްދަނީ ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައެވެ.