ސިޔާސީ

މި ސަރުކާރުން ކުދި އާބާދީތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށްބޮޑު އިސްކަމެއް ދޭނެ- ރައީސް


އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް މި ސަރުކާރުން އިސްކަން ދެއްވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު މިހެން ވިދާޅުވީ އިއްޔެ ވ. އަތޮޅު ރަކީދޫ ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރަކީދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރައްވާފައެވެ. އެގޮތުން، ރަށުގެ ތަޢުލީމާއި ޞިއްޙީ ޚިދުމަތާއި ދަތުރުފަތުރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި، ސަރުކާރުން ކުދި އާބާދީތަކަށް އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުންނާއި، އެއްފަސްކުރުމާ ގުޅޭގޮތުން ގެންގުޅުއްވާ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.