ވިޔަފާރި

ކެލާ އާއި އައްޑު އަތޮޅުގައި އިތުރު މަޝްރޫއުއެއް ފަށަނީ


ހއ.ކެލާ އާއި އައްޑު އަތޮޅުގައި ލާމު އިންޓަރ ގްރޭޓެޑް ޕްރޮޖެކްޓްގެ ކޮންސެޕްޓާއި އެއްގޮތް މަޝްރޫއުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.މޯލްޑިވްސް މާކެޓިންގ އެންޑް ޕީ އާރު ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަމާއި ގުޅޭ ކުރެހުންތައް ކުރެހުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ވަރަށް އަވަހަށް މިމަޝްރޫއުތައް އިފްތިތާހް ކުރެވިގެންދާނެކަމަށެވެ.ކުރިން ތުނބުރި ޕްރޮޖެކްޓުގެ ނަމުގައި ސަރުކާރުން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓް ލާމު އިންޓަރ ގްރޭޓޭޑް ޑެވެލޮޕްމަންޓަށް ރީބްރޭންޑްކޮށް ފަތުރުވެރިކަން ތަރައްޤީކުރަން ކަނޑައަޅާފައިވާ ރަށްވެސް މިހާރުވަނީ ބަދަލުކޮށްފައެވެ. އެގޮތުން ހަތްދިހަ ހަތް ހެކްޓަރުގެ ބެރަސްދޫގައި ތިންހާސް ފައްސަތޭކަ އެނދު ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.މި ޕްރޮޖެކްޓްގެ ދަށުން ފަތުރުވެރިކަމަށް ދޫކުރާ ސާޅީސް ނުވަ ބިމުގެ ތެރެއިން ތިރީހަށްވުރެ ގިނަ ބިމަށް އިންވެސްޓަރުން ޝައުވެރިކަންފާޅުކޮށް އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރަމުންދާ ކަމަށް އެމް.އެމް.ޕީ.އާ.ރުސީން ވަނީ ބުނެފައެވެ.