ޚަބަރު

މަޖިލިސް އިންތިޚާބަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި


އަންނަ ރައްޔިތުން މަޖިލީހުގެ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓްލާން ބޭނުންވާ ފަރާތަކަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ބުނީ ރީރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ 2 ވަނަދުވަހުގެ ނިޔަލަށް ހުުޅުވާލާފައިވާކަމަށެވެ. މިގޮތުން އަންނަ މަޖިލިސް އިންތިޚާބަށް އަލުން ރީ ރަޖިސްޓްރީކުރަން ޖެހޭނީ މިިދިޔަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަނިކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރީވުމަށް އެދި ހުށައަޅާނީ ރަށު ކައުންސިލާއި ސިޓީން ކައުންސިލްތަކަކަށްކަމަށެވެ. އަދި މާލޭ ސިޓީގައި ނަމަ އިންތިޚާބާ ބެހޭ މަރުކަޒަށް ކަމަށެވެ. ރީރަޖިސްޓްރީވުމަށް އެދޭ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އިސީން ބުނެއެވެ.

ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ޖެހެ އެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެމަަށްވެސް އީސީން ބުނެއެވެ. ފޯމު ބަލައިގަންނާނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށްކަމަށްވެސް އީސީން ބުނެއެވެ.

ރީ ރަޖިސްޓްރީވުމަށް އެދި އީމެއިލް ނުވަތަ ފެކުހުން ފޯމް ހުށަނޭޅޭކަމަށާއި އަމިއްލަ ފަރުދަކަށް އެއްފަހަރާ ހުށައެޅޭނީ 10 ފޯމު ކަމަށް އީސީން ބުނެއެވެ. އަދި ސިޔާސީ ޕާޓީއަކުން ނުވަތަ އެފަދަ އެހެން މުއަސަސާއަކުން އެންމެ ގިނައިން ހުށައެޅޭނީ 100 ފޯމްކަމަށްވެސް އިލެކްޝަންް ކޮމިޝަނުން ބުނެއެވެ.

އަންނަ ރައްޔިތުން މަޖލީހުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުއެވެ. ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ. އަދި މުޅިން އަލަށް 2336 މީހުން މިއިންތިޚާބުގައި ވޯޓުލާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.