ޚަބަރު

މުޖުތަމަޢުގެ ހަމަޖެހުމަށް އަދުލުވެރިކަން ޤާއިމްކުރަންޖެހޭ- ނާއިބު ރައީސް


އަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސް ފެށުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޤާނޫނު އަސާސީން ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ކަމަށާއި އެހެންކަމުން، ޝަރުޢީ ދާއިރާ ހަރުދަނާކުރައްވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންސާފު ނެގެހެއްޓުމުގައި ޤާބިލުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތަކީ އެއީ ކަމަށެވެ. އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ، އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިންކަން ފާހަގަކުރައްވާ، އެކަމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށްދެއްވުމަށާއި، މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު، ހަރުދަނާ، ޢިލްމީ އަސާސްތަކުގެ މައްޗަށް ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"މިފަދަ ކޮންފަރެންސްތަކަކީ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް ޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު. މިއީ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރަން. އަދި ސްޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރަން." ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ނާއިބް ރައީސްގެ ވާހަކަފުޅުގައި، އަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެގެން ނުދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.