ސިޔާސީ

މާރިޔާގެ އިތުބާރުގެ މައްސަލައިގައި ސަރުކާރު ކޯލިޝަން އެއްގަލަކަށް


ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއަށް ފުރިހަމައަށް އިތުބާރުކުރާކަމަށް ސަރުކާރު ހިންގާ ކޯލިޝަނުން ބުނެފިއެވެ. ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން މިހެން ބުނެފައިވަނީ ޑިފެންސް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ބުނެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށާއި އެ މައްސަލަ ޕްރޮގްރެސިވް ކޮންގްރެސުން ބޭނުންވާ ގޮތަށް ކާމިޔާބުކުރާނެ ކަމަށެވެ.

މިކަމާއި ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި އިދިކޮޅު ފަރާތްތަކުން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.

އެގޮތުން ޑިފެންސް މިނިސްޓަރުގެ މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެކަމަނާ އެ މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތަޢުރީފު ޙައްޤުވާ މިންވަރަށް ކަމަށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްތަކެއް އެކަމަނާ ކުރައްވާފައިވާ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓަރު މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ތައްޔާރުވަމުންދާއިރު ސަރުކާރު ހިންގާ ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ޢަބްދުﷲ ރިޔާޒުވެސް ވަނީ އެކަމަށް ހޫނު ރައްދެއް ދެއްވާފައެވެ. އެގޮތުން ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފިނަމަ "ފެއިލް" ކޮށްލާނެ ކަމަށާއި އިތުބާރު ގެއްލޭފަދަ ކަމެއް ޑިފެންސް މިނިސްޓަރު ކުރައްވާފައިވާ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ، ކުރީގެ ރައީސް މަޢުމޫނު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ އެމްއާރުއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު އަޙްމަދު ފާރިސް މަޢުމޫނުވެސް ވަނީ ޑިފެންސް މިނިސްޓަރާއެކު ހުންނެވިކަން ހާމަކުރައްވާ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ، އެކަމަނާއާ އެއްކޮޅަށް ވޯޓު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓަށް ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.