ޚަބަރު

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ފުރާވަޑައިގަންނަވައިފި


ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ދައުވަތަކަށް އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިއީ ރާއްޖޭގެ ޚާރިޖީ ވަޒީރަކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް އެމެރިކާއަށް ޒިޔާރާތްކުރައްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ޚާރިޖީ ވަޒީރު ޝާހިދު ބައްދަލުކުރައްވާނެއެވެ.
އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

އަދި ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް ކުރެވޭނޭ ކަންކަމާއިމެދު މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވިދާޅުވެއެވެ. މީގެ އިތުރުން، ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި މުހިއްމު 2 އެއްބަސްވުމެއްގައި ސޮއިކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދު ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު، މި މަހުގެ 25އިން 27އަށް ޖެނީވާއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދު ޖެނީވާއަށް ވަޑައިގަންނަވަނީ އދ.ގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި މި ދަތުރުފުޅަށްފަހު ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަބޫދާބީއަށް މިނިސްޓަރ ވަޑައިގަތުމަށްވެސްވަނީ ހަމަޖެހިފައެވެ.
މިނސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލްއާއި ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.