ޓުއަރިޒަމް

ޓްރިޕް އެޑްވައިޒަރގެ ޓްރެވަލަރސް ޗޮއިސްގެ 3 އެވޯޑެއް ހުރުވަޅި ރިސޯޓަށް


ޓްރިޕް އެޑްވައިޒަރގެ ޓްރެވަލަރސް ޗޮއިސް އެވޯޑްސްގެ 3 އެވޯޑެއް ހުރުވަޅި މޯލްޑިވްސްއަށް ލިބިއްޖެއެވެ. ހުރުވަޅި މޯލްޑިވްސްއަށް ލިބުނީ ހޮޓެލް ފޯ ރޮމޭންސް އިން އޭޝިޔާއާއި، ހޮޓެލް ފޯރ ރޮމޭންސް އިން މޯލްޑިވްސްއާއި، ހޮޓެލް އިން މޯލްޑިވްސްގެ އެވޯޑެވެ.

ޗަމްޕާލާސް ހޯލްޑިން ކުންފުނިން ތަރައްޤީކޮށްފައިވާ ހުރުވަޅި އައިލެންޑް ރިސޯޓަކީ 60 މޫދު ވިލާ އަދި 30 ބީޗް ވިލާ ހިމެނޭގޮތަށް ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓު ތަރައްޤީކޮށްފައިވަނީ ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށެވެ. ކަނޑުއަޑީގެ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓްވެސް ހުންނަނީ ހުރުވަޅި ރިސޯޓުގައެވެ.

ޓްރިޕް އެޑްވައިޒަރއަކީ ފަތުރުވެރިންނަށް ރިސޯޓުތަކުގެ މައުލޫމާތާއި ޕްރޮމޯޝަންތައް ބުނެދީ، އޮންލައިން ބުކިން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޓްރެވަލް ވެބްސައިޓެކެވެ. މި ވެބްސައިޓުން ދަނީ ކޮންމެ އަހަރަކު އެކި ދުވަސްވަރުމަތިން ފަތުރުވެރިންގެ މެދުގައި އޮންލައިންކޮށް ނަގާ ވޯޓެއްގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތައް ގިންތިކޮށް، އެވޯޑުތައް ދެމުންނެވެ. މިގޮތުން ޓްރެވަލަރ ޗޮއިސް އެވޯޑްގެ ނަމުގައި އެކި ކެޓަގަރީތަކަށް ބެހިފައިވާ އެވޯޑުތައް ޓްރިޕް އެޑްވައިޒަރއިން މުޅި އަހަރުތެރޭގައި އެކި ދުވަސްވަރު ދަނީ ދެމުންނެވެ.

ޓްރެވަލަރޒް ޗޮއިސް އެވޯޑްދޭތާ 17 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ހިދުމަތްތަކެއް ދެމުންދާ 94 ޤައުމަކުން 7812 ޕްރޮޕަޓީޒްގެ އަގުވަޒަންކޮށް އެވޯޑުތައް ވަނީ ދީފައެވެ.