ހައްޤު ގޮތުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ އަނިޔާވެރިވުން ނޫންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓިގެ ރައީސް އިމްރާން މިހެން ވިދާޅުވެފައިވަނީ މަނީ ލޯންޑަރުންގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަދުގައި ބެެއްޓުމަށް އަމުރުކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އިމްރާން ކުރެއްވި ޓްވީޓްގައި ވަނީ ހައްޤު ގޮތުގައި ކުރަންޖެހޭ ކަމެއް ކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އަނިޔާވެރިވުމޭ ބުނެވޭނީ ކޮން ފަދަޔަކުން ހެއްޔެވެ. މަނީ ލޯންޑަރިންގެ މައްސަލާގެ ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލްކޯޓުން އަމުރުކުރުމުން ޔާމީން ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.
ހެއްކަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާކަމަށް ބުނެ ދައުލަތުން ހުށައެޅި ހުށައެޅުމުގައި ބުނެފައިވަނީ މަނީ ލޯންޑްރިން މައްސަލައާއި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލަތަކަށް ޔާމީން ނުފޫޒު ފޮރުވަމުން ގެންދާކަމަށެވެ. އެގޮތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށައަޅާފައިވާކަމަށްވެސް ޕީޖީން ވަނީ ކޯޓްގައި ބުނެފައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނުގައި ހިމެނޭ ފައިސާޢިން އެއްމިލިއަނަށްވުރެ ގިނަ ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއިން މުއާމަލާތުކުރި މައްސަލާގައެވެ. މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫތުދިނުމުގެ ކުށުގައި ޔާމީންގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުން ވަނީ ޕްރޮސެއކިުޓަރ ޖެނެރަލްގެ އޮފިހަށް ފޮނުވާފައެވެ.