ވިޔަފާރި

މިފްކޯގެ އުފެއްދުންތަަކުގެ މާކެޓް ފުޅާކުރުމަށް 'ގަލްފް ފުޑް ޓްރޭޑް ޝޯ'ގައި ބައިވެރިވެއްޖެ


ދިވެހި މަހުގެ އުފެއްދުންތައް ދުނިޔެއަށް އިޝްތިހާރުކޮށް އާ މާކެޓްތައް ހޯދުމަށްޓަކައި މިފްކޯއިން 'ގަލްފް ފުޑް ޓްރޭޑް ޝޯ' ގައި ބައިވެރިވެއްޖެއެވެ.

ދުބާއީގައި މިމަހުގެ 17 އިން 21އަށް ކުރިއަށްދާ ގްލްފް ފުޑް ޓްރޭޑް ޝޯއަކީ ދުނިޔޭގައި ބާއްވާ ކާބޯތަކެއްޗަށް ޙާއްސަ މިފަދަ އެންމެ ބޮޑު ޓްރޭޑް ޝޯވއެވެ.

މިއީ މިފްކޯއިން މި ޓްރޭޑް ޝޯވްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މި ޓްރޭޑް ޝޯވް މެދުވެރިކޮށް، މެދުއިރުމަތީގެ ޤައުމުތަކުން މިފްކޯގެ އުފެއްދުންތަކަށް މާކެޓްތައް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ މި ޓްރޭޑް ޝޯވގައި ބައިވެރިވެފައިވާ ކުންފުނިތަކާއި ޓްރޭޑް ޝޯވްއަށް ޒިޔާރަތްކުރާ ސަރަޙައްދީ ވިޔަފާރިވެރިން، މިފްކޯގެ އުފެއްދުންތަކަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

ގަލްފް ޓްރޭޑް ޝޯވްގައި މިފްކޯއިން ބައިވެރިވެފައިވާ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީއެވެ.

ގަލްފް ފުޑް ޓްރޭޑް ޝޯވްގައި މިއަހަރު 120 ޤައުމަކުން 5000 ވުރެ ގިނަ އެގްޒިބިޓަރުންވަނީ ބައިވެރިވެފައެވެ. މިއަހަރުގެ ޓްރޭޑް ޝޯވްއަށް 98،000 ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް މި ޓްރޭޑް ޝޯވ އިންތިޒާމުކުރާ ފަރާތުން ލަފާކުރެއެވެ.