ވިޔަފާރި

ސަރުކާރު ކުންފުނިތަކުން ކޯޕަރޭޓް ގަވަރނަންސް ކޯޑަށް އަމަލުނުކުރާ މައްސަލަ ބޮޑު - ޝިޔާމް


ސަރުކާރު ކުންފުނިތަކުން ކޯޕަރޭޓް ގަވަރނަންސް އުސޫލުތަކަށް އަމަލުކުރަމުން ނުދާކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވިދާޅުވެއްޖެއެވެ.

އަލީ ޝިޔާމު މިގޮތަށް ވިދާޅުވެފައިވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން، ސަރުކާރުގެ ކުންފުނިތަކަށާއި، އެނޫންވެސް މުއައްސަސާތަކުގެ ބޯޑު ޑިރެކްޓަރުންނަށް މިއަދު ފެށި ތަމްރީނު ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެކުރިން ރައީސް ނަޝީދުގެ ސަރުކާރުގައި އިކޮނޮމިކް އެޑުވައިޒަރެއްގެ މަޤާމުވެސް ފުރުއްވެވި އަލީ ޝިޔާމް ވިދާޅުވީ، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރުމަކީ ކުންފުނީގެ ފައިދާ އިތުރުވެ ޤައުމުގެ އިޤްތިސާދަށް ބޮޑެތި މަންފާކުރާކަމެއްކަމަށެވެ.
ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް ސަރުކާރުގެ ކުންފުނިތަކުން އަމަލުނުކުރާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަން ނުކުރާނަމަ ދިގު މުއްދަތެއްގައި އަގުނުކުރެވޭ ބޮޑޭތި ގެއްލުންތައް ޤައުމުގެ އިޤްތިސާދަށް ކުރިމަތިވެގެންދާނެކަމަށެވެ.

ސީއެމްޑީއޭއިން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ކޯޕަރޭޓް ގަވަރނެންސްއަށް އަމަލުނުކުރުމުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހިއްސާކުރެވި މިކަންކަން ހައްލުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ. މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ މިދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭރުގެ ބޭފުޅުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސިއެމްޑިއޭގެ ހެޑް އޮފް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އަބްދުﷲ ޒަކަރިއްޔާ ވިދާޅުވީ، ކުންފުނިތައް ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކަށް ފަރިތަކޮށް އެ އުސޫލުތަކާއި އެއްގޮތަށް މަސައްކަތްކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ސީއެމްޑީއޭގެ އަމާޒެއްކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމުގެ އެހީގައި މިކަން ހާސިލްވެގެންދާނެކަމަށް އުއްމީދުކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ޚާއްސަކޮށްގެން ސީއެމްޑިއޭއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަހަރަކު އެއްފަހަރު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އަހަރުގެ މި ޕްރޮގްރަމުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް އަދި އޮފީސްތަކުގެ ބޯޑު ޑިރެކްޓަރުން ބައިވެރިވާކަމަށް ސީއެމްޑީއޭއިން ބުނެއެވެ.