ތިމާވެށި

މޫސުމީ މައްސަލަތަކުގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ- މިނިސްޓަރ ޝާހިދު


ޑިޕްލޮމެޓިކް ގުޅުންތަކުގައި ޤައުމީ މަސްލަހަތު އިސްކުރިނަމަވެސް މޫސުމީ ގޮތުން އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭންޖެހޭކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ, ބ.އަތޮޅު ދިގުފަރު ރިސޯޓްގައި "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ކުރިއަށް ގެންދާ ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މޫސުމާ ބެހޭ މަޝްވަރާތަކުގައި ކުދި ޖަޒީރާ ޤައުމުތަކަށް ކާމިޔާބު ނުލިބެނީ ބާރުވެރިކަން ނެތިގެންނޫން ކަމަށާއި، ޑިޕްލޮމެޓިކް އުޞޫލުތަކުގައި އާންމުކޮށް އެ ޤައުމަށް ލިބެންއޮންނަ ފައިދާއަށް ބަލައިގެން އަނެއް ޤައުމުން އަމަލު ކުރާތީ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މޫސުމީގޮތުން ނޭދެވޭ އަސަރުކުރަނީ ވަކި ޤައުމަކަށް ވަކި މިންވަރަކަށް ނޫން ކަމަށާއި، މޫސުމީ މައްސަލަތަކަށް ހައްލު ނުލިބޭނެކަން ތަޖުރިބާކާރުން ފާހަގަ ކުރަނީ އެ ސަބަބާހުރެ ކަމަށެވެ. ނަމަވެސް ކްލައިމެޓް ޑިޕްލޮމެސީގައި ހުއްޓުމެއް ނެތި ރާއްޖެއިން އަޑުއުފުލާނެ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ފްރާންސާއީ ޕޮލެންޑުގައި ބޭއްވި ބަހުސްގައި ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން ފާހަގަ ކުރައްވާފައެވެ.

ދާދިފަހުން އދ.ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރް ކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް ހައްލު ބޭނުންވާ ކަމަށާއި، އެކަމުގައި އިތުރަށް މަޑުކުރެވެން ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ތިމާވެށި ހިމާޔަތްކުރުމާގުޅޭ މުހިންމު ކަންތައްތަކެއް ހިމަނާފައިވާކަން ފާހަގަކޮށްލެވޭ.