ވިޔަފާރި

ކަލްޗަރަލް ޓޫރިޒަމް އިޝްތިހާރުކުރުމަށް، ޓޫރިޒަމް މިނިސްޓަރ އިންޑިއާއަށް ދަތުރެއް ކުރަނީ


ދިވެހިރާއްޖޭގެ ކަލްޗަރަލް ޓޫރިޒަމް ޕްރޮމޯޓުކުރުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިންޑިއާއަށް ދަތުރެއް ކުރެއްވުމަށް ނިންމަވައިފިއެވެ

ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއަރޕޯޓް ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ، މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގެ އިތުރުން، ރާއްޖޭގެ އެކިއެކި ދާއިރާތައް އިސްތިހާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިގޮތުން ޓައިމްސް އޮފް އިންޑިއާގެ ދަޢުވަތަކަށް ދެދުވަހުގެ މުއްދަތަކަށް އިންޑިއާއަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ކަލްޗަރަލް ޓޫރިޒަމް އިސްތިހާރުކުރުމަށްޓަކައި މި ދަތުރުގައި ކަންތައްތަކެއް ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ދަތުރުގައި އައްޑޫސިޓީ، ފުވައްމުލަކު ސިޓީ، މާލެ ސިޓީގެ މޭޔަރުންގެ އިތުރުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި އަޅުގަނޑުމެންގެ ވަރަށްބޮޑު އަމާޒެއް އެއީ، ރާއްޖޭގެ އެކި ހިސާބުތައް ތަރައްޤީވެގެން ދިއުން" ޓޫރިޒަމް މިނިސްޓަރު މިނިސްޓަރ އަލީ ވަޙީދު ވިދާޅުވިއެވެ.

މި ދަތުރުގައި އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްތަރު އަލީ ވަހީދު އަވައްޓެރި އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.