ވިޔަފާރި

ޓޫރިޒަމް އިސްތިހާރުކުރުމަށް ބޭރުގެ މަޝްހޫރު ފުޓްބޯޅަ ތަރިން ރާއްޖެ ގެންނަނީ


ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ބޭރުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގެން އެއަރޕޯޓް ވީއައިޕީ ލައުންޖުގައި ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ބޭރުގެ މަޝްހޫރު ފުޓުބޯޅަ ތަރިން ރާއްޖެ ގެނެސް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށެވެ.

މި ހަރަކާތް ކުރިއަށްދާނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި ކަމަށާއި، އެ ހަރަކާތުގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް ބައިވެރިވާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ކުޅުންތެރިއެއްވެސް ހިމެނޭގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. ރާއްޖެއަށް މަޝްހޫރު އަދި ފަތުރުވެރިން އަންނަ ޤައުމުތައް ކަމުގައިވާ، އިޓަލީ، އިނގިރޭސިވިލާތް، ސްޕެއިން، އަދި ދެކުނު އެމެރިކާގެ ކުޅުންތެރިން ހިމެނޭ ގޮތަށް ޓީމެއް ގެނައުމަށް މި މަސައްކަތްކުރަނީ" ޓޫރިޒަމް މިނިސްޓަރު އަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މީގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިގޮތުން އިނގިރޭސި ޕްރިމިއާ ލީގް، ސްޕެނިޝް ލީގް އަދި އިޓާލިއަން ލީގް، މީގެން ކޮންމެވެސް އެއް ލީގެއްގެ ގަދަ 5 ޓީމްތެރޭގައި ހިމެނޭ ޓީމެއް އަންނަ އަހަރު ރާއްޖެ ގެނެވޭނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ހަރަކާތްތަކާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެއެވެ. ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.
ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ