ޚަބަރު

ތަޢުލީމީ ދާއިރާ ކުރިއަރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާކަމެއް- ނާއިބް ރައީސް


ތައުލީމީ ދާއިރާ ކުރިއަރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބް ރައީސް މިހެން ވިދާޅުވެފައިވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ސްކޫލްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި، އިހަވަންދޫ ސްކޫލްގެ 50 އަހަރުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި، ސްކޫލްގެ ތަރައްޤީގައި ރަށުގެ ރައްޔިތުން ވެފައިވާ ހިއްސާ ފާހަގަކުރައްވައި، ސްކޫލްގެ އިސްވެރިން ވަނީ އެކަމުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި ރާއްޖޭގައި ނަންވިދާލާ ސްކޫލަކަށް އިހަވަންދޫ ސްކޫލް ހެދުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތާނގައި ސްކޫލް އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ކަންކަމުގެ މައުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހިއްސާ ކުރައްވާފައެވެ.

ޚާއްޞަ ގޮތެއްގައި މިއަހަރަކީ އިހަވަންދޫ ސްކޫލްގެ 50 ވަނަ އަހަރީދުވަސް ފާހަގަކުރާ އަހަރަށް ވުމާއެކު އެކަމުގެ އިހުތިފާލުތައް ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ޓަކައި ސްކޫލްގެ ބެލެނިވެރިންނާއި މުވައްޒަފުން ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވަމުންދާކަންވެސް އިހަވަންދޫ ސްކޫލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ތައުލީމީ ދާއިރާ ކުރިއަރުވައި ތައުލީމީ ޖީލެއް ބިނާ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކުރިއަށް ގެންދަވާ މުހިންމު މަސައްކަތްތަކެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު މިންވަރެއް ހަމަޖެހިފައިވަނީ ތައުލީމީ ދާއިރާއަށްކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، އިހަވަންދޫ ސްކޫލަށް ބޭނުންވެފައިހުރި ކަންކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިގެން ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.