ލީބިޔާގެ އަސްކަރިއްޔާގެ އިސްވެރިޔާ މުޙައްމަދު ޢަލީ އަޙްމަދު އަލް ޙައްދާދް ދަތުރުކުރެއްވި މަތިންދާ ބޯޓެެއް ވެއްޓި އޭނާއާއި އިތުރު ބަޔަކު އަވަހާރަވެއްޖެއެވެ.
އަލްޙައްދާދް ދަތުރުކުރެއްވި ޕްރައިވެޓު ޖެޓު ވެއްޓިފައި ވަނީ ތުރުކީވިލާތުގެ އަންކާރާއިން މަތިންދާ ބޯޓު ނައްޓައިލިތާ މާ ގިނައިރުތަކެއް ނުވެއެވެ. އެ ހާދިޘާގައި އެ އުޅަނދުގައި ތިބި އެންމެން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ލީބިޔާގެ އަސްކަރިއްޔާގެ އިސް ހަތަރު އޮފިސަރުންނާއި އެ މަތިންދާ ބޯޓުގެ ތިން ފަޅުވެރިން ހިމެނެއެވެ.
ލީބިޔާގެ އަސްކަރީ ވަފުދު ތުރުކީވިލާތަށް ދަތުރުކޮށްފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ވަރުގަދަކޮށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތައް ކުރުމަށެވެ. މަޝްަވަރާތައް ނިންމައިލުމަށް ފަހު އެ ވަފުދު ތުރުކީވިލާތުން ފުރާފައި ވަނީ އެ ޤައުމުގެ ގަޑިން ރޭގަނޑު 8:10 ހާއިރެވެ. މަތިންދާ ބޯޓު ނައްޓާލިތާ 40 މިނެޓު ފަހުން އެ އުޅަނދާ މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ. މުވާސަލާތީ ގުޅުން ކެނޑުމުގެ ކުރިން، މަތިންދާ ބޯޓަށް ކަރަންޓުގެ މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ ކުއްލި ޙާލަތުގައި އުޅަނދު ޖެއްސުމަށް އެ މަތިންދާ ބޯޓުން އެދިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެ އުޅަނދު ރާޑަރުން ގެއްލިފައި ވަނީ ކުއްލި ޙާލަތުގައި ޖެއްސުމަށް އުޅަނދު ތިރިކުރަމުން ދަނިކޮށެވެ. ކަމާބެހޭ އިދާރާތަކުން ދަނީ އެ ހާދިޘާ ތަހުޤީޤު ކުރަމުންނެވެ.
ތުރުކީވިލާތުގެ އިދާރާތަކުން ބުނީ މަތިންދާ ބޯޓު ވެއްޓިފައި ވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށާއި، މަތިންދާ ބޯޓަށް ގަސްތުގައި ގެއްލުން ދީފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ.