ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ބްރެޒިލްގެ ޒުވާން ފޯވަޑް ލޯނު އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ލިއޯން އަށް ބަދަލުވެއްޖެ އެވެ.
ބްރެޒިލްގެ ޕަލްމޭރާސް އިން 2024 ވަނަ އަހަރު އެންޑްރިކް ރެއާލް މެޑްރިޑް އާއި ގުޅިފައިވަނީ އޭނާއަށް 18 އަހަރު ފުރުމުން ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އޭނާ ވަނީ އެ ކްލަބަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ލަނޑެއް ޖަހާފަ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކަމާއި ޝަބީ އަލޮންސޯ ހަވާލުވުމަށްފަހު އެންޑްރިޑް އަށް ކުޅުމުގެ ފުރުސަތު ލިބިފައިވަނީ ވަރަށް މަދުންނެވެ. އެގޮތުން އޭނާއަށް މި ސީޒަނުގައި ލަލީގާގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ މެޗުން ފުރުސަތު ލިބިފައިވާއިރު ކޮޕާ ޑެލްރޭގައި އޭނާ އަށް ކުޅެން ފުރުސަތު ލިބިފައިވަނީ އެންމެ މެޗެއްގަ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުންވެސް އެންޑްރިކް އަށް ކުޅެން ލިބިފައިވަނީ ގިނަ ފަހަރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް 14 މެޗު ކުޅެދީފައިވާ އެންޑްރިކް އަށް ފަހަކަށް އައިސް ވަނީ ގައުމީ ޓީމުން ފުރުސަތު ގެއްލިފަ އެވެ. އެހެންކަމުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕުން ފުރުސަތު ހޯދުމަށް އެންޑްރިކް ވަނީ އޭނާއަށް ކުޅުމުގެ ފުރުސަތު ލިބޭ ކްލަބަކަށް ބަދަލުވުމަށް މަސައްކަތް ކޮށްފަ އެވެ.