މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމަކަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ ވާހަކަދައްކައިގެން އެކަނި ފުއްދާލެވޭނެ ކަންކަން ނޫންކަމަށާ، ތިމާވެށީގެ މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި އިތުރު ގޮތްތަކެއް ހޯދަން ޖެހިފައިވާކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ރިސޯޓްގައި "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމަސީ އެންޑް ޖިއޯޕޮލިޓިކްސް" ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ ރައީސް ނަޝީދުގެ އޮފީހާއި ބޭރުގެ ބައެއް ޔުނިވަސިޓީތަކާއި، ބައެއް ޖަމްޢިއްޔާތައް ގުޅިގެން ބ.އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓްގައި، ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.
ރައީސް ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެންނައުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު މަސައްކަތްޕުޅު ކުރެއްވިއިރު، އެމަނިކުފާނު އަދާ ކުރެއްވީ ނޫސްވެރިއެއްގެ ދައުރުކަމަށާއި އެއާއެކު ތިމާވެއްޓާއި ގުޅޭގޮތުން ލިބިވަޑައިގެންނެވި ފިލާވަޅުތަކުގެ އަލީގައި ދަސްފުޅުވެވަޑައިގެންނެވި ތަކެތީގެ ބޭނުން ހިއްޕަވައި ތިމާވެއްޓާގުޅޭ ގިނަ ލިޔުންތަކެއް ތައްޔާރުކުރައްވާފައިވާނެކަމަށެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފޭދޭ ކަންބޮޑުވުންތަކުގެ ވާހަކަ ބައިނަލް އަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް ހަމައެކަނި މިވާހަކަ ދައްކާލައިގެން އެކަނި މިއަދު ފުއްދާލެވެން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މީގެ އެތައް އަހަރެއް ކުރިން 2009ވަނަ އަހަރު ރާއްޖޭގެ ރައީސަކަށް އަޅުގަނޑު ހުރިއިރުވެސް އެންމެ ބޮޑަށް ދެއްކީ މޫސުމަށް އަންނަ ބަދަލުގެ ވާހަކަ. އޭރު އަޅުގަނޑު ވަރަށް=ބޮޑަށް މަސައްކަތްކުރިން މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓަށްލިބޭ ގެއްލުމުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެންނަން. އެކަމަކު އަނެއްކާ މިއަދުވެސް އޭގެ އެތަކެއް އަހަރު ފަހުން އަނެއްކާވެސް މިދައްކަނީ ހަމައެވާހަކަ. މިގޮތަށް މިވާހަކަ ދައްކައިގެން ފުއްދާލެވޭކަށް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕަކީ ޖަޒީރާ ޤައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުކާ ދެކޮޅަށް ކުރެވިދާނެ ކަންތައްތަކާ ބޭހޭގޮތުނާއި އޭގެސަބަބުން ކުދި ޤައުމުތަކަށްކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވޯކްޝޮޕެކެވެ.