ޚަބަރު

އެސްއޯއެފާއެކު މުޢާމަލާތްކުރި ކުންފުނިތަކަށް ޓްރާންސްޕޭރަންސީގެ ހޫނު ރައްދެއް!


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި ކުންފުނިތަކުން ބަޔާންތައް ނެރެ އެކުންފިތަކުން ކޮށްފައިވާ މުޢާމަލާތްތަކުގެ ސައްޙަކަން ހާމަކޮށްދޭންޖެހޭނީ އޭސީސީން ކޮރަޕްޝަން ރިޕޯޓް ހާމަކުރާ ހިސާބުން ނޫންކަމަށް ވިދާޅުވެ ކޮރަޕްޝަނާ ދެކޮޅާށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮގްރާމް ކޯޑިނޭޓަރ އަޙްމަދު ޠަލާލް ވިދާޅުވީ، ކަރަންސީ އެކްސްޗޭންޖް ކުރުމުގެ ލައިސެންސް ނެތް ކުންފުންޏަކާއެކު އަމިއްލަ ކުންފުނިތަކުން މުޢާމަލާތްކުރާއިރު އެމުޢާމަލާތްކުރީ ކޮން ބައެއްގެ އަތުންކަން ބެލުމަކީ އެކުންފުންޏެއްގެ ޒިންމާއެއްކަމަށެވެ.

އޭސީސީން ޢާންމުކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ރިޕޯޓާ ގުޅިގެން ކުންފުނިތަކުން ކޮށްފައިވާ މުޢާމަލާތްތަކަކީ ޞައްޙަ މުޢާމަލާތްތަކެއްކަމަށް ބުނަމުންދާކަން ފާހަގަކުރައްވައި ޠަލާލްވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯއެފް ކުންފުންޏާއި އެމްއެމްޕީއާރުސީއާ އޮތް ގުޅުން 2015ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެނގިފައިވާކަމަށެވެ. އެހެންނަމަވެސް އެސްއޯއެފާއިއެކު ކުރި މުޢާމަލްތަތަކީ ޙަލާލު މުޢާމަލާތްތަކެއްކަން އެ ކުންފުނިތަކަށް އެނގޭނީ އޭސީސީން ރިޕޯޓް ނެރޭ ހިސާބުން ނޫންކަމަށާ، އެސްއޯއެފްގެ ވާހަކަ ޢާންމުންނަށް ތިލަވި ހިސާބުން އެކަން އެނގެންޖެހޭކަމަށް ޠަލާލް ވިދާޅުވިއެވެ.

" 2015ވަނަ އަހަރު އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ބައެއްކަން އެނގޭ. އެހެންކަމުން ޑޮލަރުގެ މުޢާމަލާތްކުރި ކުންފުނިތަކަށް 2017ވަނަ އަހަރު އެންމެ ލަސްވެގެން އެ މުޢާމަލަތްކުރެވިފައިވަނީ ރަނގަޅު ކުންފުންޏަކާ ނޫންކަން އެނގޭނެ. ޙަލާލް ފައިސާ ނޫންކަން އެނގޭނެ. އެކުންފުނިތަކުން ބަޔާންތައް ނެރެންޖެހޭނީ ރިޕޯޓާ ހަމައަކުން ނޫން. ވެދާނެ އެކަން މިހާތަނަށް ހާމަނުކުރީ އެކަމަކީ ފޮރުވިފައި އޮންނާނެ ކަމެއްކަމަށް އެކުންފުނިތަކަށް ހީވެފައި އޮތުންކަމަށްވެސް. ނަމަވެސް މިހާރު އެ ހާމަކުރާ ވާހައަކީ މާޒިންމާދާރުކަން ކުޑަކަމެއް." ޠަލާލް ވިދާޅުވިއެވެ.

ޠަލާލްވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރަން އޮތް މައި އިދާރާއިން ރިޕޯޓް ޢާންމުކުރުން ލަސްވެގެންދިއުމަކީ ބަޔަކު ޙިމާޔަތްކުރުމަށާއި، އޭސީސީގެ މެންބަރުންގެ މަސްލަހަތު ހިމެނޭތީ ކުރެއްވިކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވެފައެވެ.

"މިފަދަ ކަންކަން ލަސްވާކަމަށްވާނަ ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް ކުޑަވާނެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭސީސީއަށް ތުހުމަތުގެ އިނގިލި ދިއްކުރެވުނީވެސް ފަސް އަހަރު ބޮޑެތި ކޮރަޕްޝަންގެ ވާހަކަ ދެކެވުނުއިރުވެސް އޭސީސީން އިޖާބަ ދީފައި ނުވާތީ. ދައުލަތުން ފައިސާ ގެއްލިފައިވާކަމށް ބުނުމުން އޭގެ ތަސައްވަރު ނުކުރެވިދާނެ. ސަބަަބަކީ އަބަދު އެވާހަކަތައް އަޑުއިވި ރައްޔިތުން ހޭނިފައިވާކަމެއް. ބިލިއަނުން ޑޮލަރުގެ ޢަދަދުތަކީ ރައްޔިތުންގެ ހައްގުތައް އެތައް ފަހަރަކު ހޯދައިދެވޭނެ ފައިސާ. މިލިއަނުން ބިލިއަނުން ޑޮލަރުގެ ޢަދަދު ދައުރުވީއިރު ބޭންކުން ސުވާލު ނުއުފެއްދީ ކީއްވެ؟" ޠަލާލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެކައުންޓްތަކުގެ ތެރޭގައި މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ ޙިއްސާ އޮންނަ ވިޔަފާރިތައް ހިމެނެއެވެ. މީގެ އިތުރުންވެސް މިހާރުގެ ރައްޔިތުންގެ މަޖިލީގެ މެންބަރުންނާއި، އެމެންބަރުންގެ ޢާއިލާގެ ފަރާތްތަކުގެ މަސްލަހަތު އޮތް ކުންފުނިތަކުގެ އެކައުންޓަށްވެސް ޚިޔާނާތުގެ ފައިސާ ވަދެފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއެވެ. އެ ކުންފުނިތަކުން ދަނީ އެމުޢާމަލާތްތަކަކީ ސައްޙަ މުޢާމަލާތްތަކެއްކަން ހާމަކޮށް ބަޔާންތައް ނެރެމުންނެވެ.