ވިޔަފާރި

ގޮންޖެހުންތަކާއެކުވެސް މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން - އެސްޓީއޯ


މިފްކޯގެ ހިންގުން ހަރުދަނާކޮށް ދުވަހުން ދުވަހަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވޭނެގޮތްހެދުމަށް އެކުންފުންޏަށް އެހީވަމުންދާ ކަމަށާއި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ހިންގަމުން އަންނަ މިފްކޯއަށް ދިމާވެފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށް އަހަރުދުވަސްތެރޭ ސަތޭކަ ފަންސާހަކަށް މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވީ މިފްކޯއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ގުޅިފައިވާ ކުންފުންޏެއްކަމުން، ގިނަ ގޮންޖެހުންތަކަކާއެކުވެސް މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"މިފްކޯއިން މަސްގަންނަ އަގަށްވުރެ އަގު ހެޔޮކޮށް އިންޓަރނޭޝަނަލް ބާޒާރުގައި މިފްކޯއިން މަސް ވިއްކަމުންދަނީ، މިސާލަކަށް މިފްކޯއިން މަސް ޓަނެއް ފްރީޒް ކުރުމާއި އެއްކޮށް ޕްރޮސެސްކުރީމަ މިޖެހެނީ އަށާރަސްތޭކަ ފަންސާސް ޑޮލަރު އެކަމަކު އިންޓަރނޭޝަނަލް މާރކެޓްގަ މި ވިއްކަނީ ގާތްގަނޑަކަށް ސޯޅަސްތޭކަ އެއްހާ ޑޮލަރަށް އެހެންވީމަ ވިއްކާލާ ކޮންމެ މަސް ޓަނަކުން މިފްކޯއަށް އެބަ ދުއިސައްތަ ޑޮަލަރަށް ވުރެ ބޮޑު ގެއްލުމެއްވޭ" މިހާދު ވިދާޅުވިއެވެ.

މިފްކޯގެ ހިންގުން ހަރުދާނާކޮށް، ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިހާދު ވިދާޅުވީ، އެސްޓީއޯގެ ސްޓްރެޓެޖިކް ޕްލޭނިންގ ޓީމާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރާ ބޭފުޅުންނާއި ގުޅިގެން މިފްކޯގެ ސްޓްރެޓީޖިކް ޕްލޭއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފްކޯއަކީ މަސް ގަތުމާއި، ޕްރޮސެސްކުރުމާއި، އެކްސްޕޯޓްކޮށް، މަހުން އެކިއެކި އިތުރު ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފައްދާ ކުންފުންޏެކެވެ.