ވިޔަފާރި

"ގޯލްޑް 100 ގާލާ"ގެ ޝަރަފްވެރި މެހްމާނަކަށް ކޮލޮންބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން


ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑް 100 ގާލާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވުމަށް ކޮލޮންބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން ރޭ އަބޭވަރަދެނައަށް ދައުވަތުދީފިއެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމްކުރާ ތިންވަނަ ގޯލްޑް ހަންޑްރެޑް ގާލާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

މިރަސްމިއްޔާތުގައި ކޮލޮންބޯ ސްޓޮކް އެކްސްޖޭންޖުގެ ޗެއަރމަނުގެ އިތުރުން އެކުންފުނީގެ ސީއީއޯ ރާޖީވް ބަންޑާރަނައިކަވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ ގޯލްޑް 100 ރަސްމިއްޔާތުގައި ބޭރުގެ ކުންފުނިތަކުގެ ވެރިންނަށް ދައުވަތު ދިނުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި އެއްތަނަކުން ބައްދަލުކޮށް ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް ފުރުސަތު ދިނުމަށްކަމަށެވެ.

ރޭ އަބޭވަރަދެނަ އަދި ރާޖީވްއަކީވެސް ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް މަސައްކަތްކޮށްފައިވާ ދެ ބޭފުޅުންނެވެ.
ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް އެ ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާނެއެވެ. ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރެއްގެ ފަހު ކުއާޓާގައި ޕަބްލިޝްކުރާ މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.

އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރުން ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް" ވެސް ދެމުންނެވެ.