ޚަބަރު

އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަނސް ކޮމިޝަނުން ބަލައިގެންފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަނސް ކޮމިޝަނުން ބަލައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ފަރާތުން 86 ދާއިރާއަކަށް ވާދަކުރުމަށް ފޯން ހުށައަޅަފައިވާކަމަށާއި، އެ ހުރިހާ ފޯމްތައްވެސް މިހާރު ބަލައިގެންފައިވާކަމަށެވެ.
އީސީން މިހެން ބުނެފައި މިވަނީ، އެމްޑީޕީން ހުށައެޅި ފޯމްތަކުގެ ތެރެއިން ދިހަ ފޯމެއް މަޢޫލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ބަލައި ނުގަނެ އަލުން ފޮނުވާލުމަށްފަހުއެވެ. އެމްޑީޕީން ވަނީ އެ ދިހަ ދާއިރާއަށްވެސް އަލުން ފޯމް ހުށައަޅަފައެވެ.

އެމްޑީޕީގެ ފަރާތުން ވާދަ ނުކުރަނީ އެންމެ ދާއިރާއަކަށެވެ. އެއީ ނިލަންދޫ ދާއިރާއަށެވެ. އެޕްރީލް މަހުގެ 6ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ފޯމް އީސީއަށް ހުށައަޅާފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ.

އިންތިޚާބު ތަކާ ގުޅޭ ޤާނޫނުގައި ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާތާ 48 ގަޑިއިރު ތެރޭގައި އެ ފޯމްގެ ސައްހަކަން ކަށަވަރުކުރުމާއެކު އެފަރާތަށް އެކަން އަންގަންޖެހޭނެ ކަމަށެވެ.