ސިޔާސީ

މަޖިލިސް އިންތިޚާބުގައި ޖޭޕީން ވާދަކުރާ އެއްވެސް ކެނޑިޑޭޓެއްގެ ޓިކެޓް އަތުލާފައި ނުވާނެ - ޢަލީ ޞާލިޙު


ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށް ޓިކެޓް ދޫކޮށްފައިވާ އެއްވެސް މެންބަރެއްގެ ޓިކެޓް އަތުލާފައިނުވާނެކަމަށް އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން ޢަލީ ޞާލިޙު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ބައެއް މެންބަރުންނަށް ދޫކޮށްފައިވާ ޓިކެޓްތައް އަތުލުމަށްފަހު، އެދާއިރާތަކަށް ޖޭޕީން ކުރިމަތިލާ ކެނޑިޑޭޓުންނަށް ޕީޕީއެމުން ތާއީދުކުރާކަން ރޭގެ ވަގުތެއްގައި ވަނީ ހާމަވެފައެވެ.

އެއާއެކު ޕީޕީއެމުން ކުރިމަތިލާފައިވާ ބައެއް ދާއިރާތަކަށް ކުރިމަތިލުމަށް ޖޭޕީން ދޫކޮށްފައިވާ ޓިކެޓްތައް އަތުލައި އެދާއިރާތަކަށް ޕީޕީއެމުން ނެރޭ ކެނޑިޑޭޓުންނަށް ޖޭޕީން ތާޢީދުކުރާ ވާހަކަވެސް ވަނީ ފެތުރިގެންގޮސްފައެވެ. ނަމަވެސް ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ޞާލިޙުވަނީ މިކަން ދޮގުކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢަލީ ޞާލިޙު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް ބޭފުޅަކަށް ދޫކޮށްފައިވާ ޓިކެޓެއް އަތުލާފައިނުވާ ކަމަށާ، ބައެއް ނޫސް ތަކުގައި ލިޔެފައިވާ ޚަބަރުތަކަކީ ހަޤީގަތެއް ނޫންކަމަށެވެ.

ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވަމުންގެންދަވާ ޢަލީ ޞާލިޙު ވިދާޅުވީ، ޖޭޕީން މަސައްކަތް ކުރަމުންދަނީ ކޯލިޝަނުން ގެނައި ސަރުކާރު ދެމެހެއްޓުމަށް ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ޖޭޕީން މަސައްކަތްކުރާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.