ޚަބަރު

އޭ.ޑީ.ބީގެ އެގްޒެކެޓިވް ޑިރެކްޓަރގެ އިހުތިރާމްގެ ޒިޔާރަތް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް ‏‏(އޭ.ޑީ.ބީ)ގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙަންމަދު ސާމީ ސަޢީދު، އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ.މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ‏‏އޭ.ޑީ.ބީ ގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، އިޤްތިޞާދީ ‏‏އަދި އެހެނިހެން ދާއިރާތަކުން އޭ.ޑީ.ބީ ގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެއްވުމާ ބެހޭގޮތުން ‏‏ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏‏ތަރައްޤީގެ ރޮނގުން ރާއްޖެއިން ކުރަމުންދާ ‏‏ހުރިހާ މަސައްކަތެއްގައިވެސް އޭ.ޑީ.ބީ.ގެ ފަރާތުން ‏‏‏ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ‏‏ފާހަގަކުރައްވައި، އެކަމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވިއެވެ.‏އޭ.ޑީ.ބީގެ އެގްޒެކެޓިވް ޑިރެކްޓަރ ދެއްކެވި ވަހާކަފުޅުގައި، ޤައުމުގެ އިޤްތިޞާދު ‏‏ފުޅާކުރެއްވުމަށްޓަކައި ރައީސް ޔާމީނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ‏‏މައްޗަށް އަލިއަޅުއްވައިލައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ތަޢުރީފުކުރެއްވިއެވެ. އަދި، ޤައުމުގެ ‏‏ތަރައްޤީއާއި ކުރިއެރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތުގައި އޭ.ޑީ.ބީގެ އެއްބާރުލުމާއި ‏‏އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު ބައިވެރިވެވަޑައިގެންނެވިއެވެ.‏