ޚަބަރު

"ބުލީ ކުރުން ހުއްޓުވުމުގެ ޕޮލިސީ"ގެ ހެޔޮ ނަތީޖާ އެއް އަހަރުދުވަހުގެ ތެރޭގައި ފެންނާނެ - އެޑިއުކޭޝަން


ސްކޫލްތަކުގައި ބުލީ ކުރުން ހުއްޓުވުމަށްޓަކއި ކުރެވޭ މަސައްކަތްތަކާއެކު "ބުލީ ކުރުން ހުއްޓުވުމުގެ ޕޮލިސީ"ގެ ހެޔޮ ނަތީޖާ އެއް އަހަރުދުވަހުގެ ތެރޭގައި ފެނިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕއުޓީ ޑިރެކްޓަރ ޖެނަރަލް ހުސައިން ރަޝީދު ވިދާޅުވީ ސްކޫލް މާހައުލުގައި ބުލީ ކުރުން ހުއްޓުވުމަށްޓަކައި ހެލްތް ސްކްރީނިން ޕްރޮގްރާމްގެ ދަށުން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެކަމަށާއި މިކަމަށް އެކަށީގެންވާ ޙައްލެއް ލިބިފައިނުވަނީ ސްކޫލްތަކަށް ދިމާވެފައިވާ އެކިކަހަލަ މައްސަލަތަކުގެ ސަބަބުންކަމަށެވެ.

މިގޮތުން ބުލީކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މީގެ ކުރިން ޗައިލްޑް ޕްރޮޓެކްޝަން ޕްލިސީ އެއް އެކުލަވާލާ ބްލީކުރުން ހުއްޓުވުމުގެ ޕޮލިސީތަކެއް އެކުލަވާލިކަމަށް ރަޝިދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ ސްކޫލްތަކުގައި ބުލީ ކުރުން ހުއްޓުވުމަށްޓަކައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިކަން ހުއްޓުވުމަށްޓަކައި ސްކޫލްތަކުގައި ޚާއްސަ މީހަކު ނެތުން ކަމަށެވެ. ނަމަވެސް އަލަށް ތަންފީޛުކުރަންފެށި ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގައި އެކަށިގެންވާ ވަޞީލަތްތައް ހުރިނަމަ މިކަމުގެ ހެޔޮނަތީޖާ އެއްއަހަރުދުވަހު ތެރޭގައި ފެނިގެންދާނެކަމަށާއި މިހާރު ހުރި އުނދަގޫތާކާއެކު މިކަމުގެ ހެޔޮ ނަތީޖާ ފެންނަށް ތިން ހަތަރު އަހަރު ނަގާނެކަމަށެވެ. ހުސައިން ރަޝީދު ވިދާޅުވީ ސްކޫލްތަކުގައި ބުލީ ކުރުން ހުއްޓުވުމަށްޓަކާއި ސަރުކާރާއެކު މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ.

" މި ޕޮލިސި އައުމުގެ ސބަބުން ބެލެނިވެރިންގެ ދައުރުވެސް ފުޅާވެގެންދާނެ. އަދި މިކަމަށް އެދވިގެންވާ ޙައްލެއް ލިބޭނީ މުޖުތަމައުގައި ހުރި މައްސަލަތައްވެސް ހައްލުވެގެން މިކަމަށްޓަކައި މުޖުތަމައުގެ އެއްބާރުލުންވެސް ބޭނުންވޭ. މި ޕޮލިސީގެ ސަބަބުން މުޖުތަމަޢަށްވެސް ފައިދާވެގެންދާނެ." ހުސައިން ރަޝިދު ވިދާޅުވިއެވެ.

ރާއްޖޭގައި ސަރުކާރުގެ 213 ސްކޫލް ހިންގަމުންދާއިރު ހުރިހާ ސްކޫލެއްގައި ކައުސިލަރުންނާއި ހެލްތް އޮފިސަރުން ނެތްކަން ފާހަގަ ކުރެވެއެވެ. މިގޮތުން ހެލްތް އޮފިސަރުން ގާތްގަޑކަށް 60 ސްކޫލެއް ތިބިއިރު ކައުސިލަރުން ދޭ ގާތްގަކަށް 50 ސްކޫލް ހުނަކަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ނަމަވެސް އެ މިނިސްޓްރީގެ އަމާޒަކީ ކުރިއަތް އޮތް އަހަރުތަކުގައި ރާއްޖޭގް ހުރިހާ ސުކޫލެއްގައި މިފަދަ އޮފިސަރުން ބޭތިއްބުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އަލަށް ތަންފީޛުކުރަންފެށި ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތުގެ ދަށުން ސްކޫލް މާޙައުލުގައި އަދި ސްކޫލްތަކުން އިންތިޒާމުކުރާ ކަންކަމުގައި ހަނގާކުރުން ހުއްޓުވައި އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކާއި، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތްތައް މިއުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި އުސޫލުގެ ދަށުން ސްކޫލް މާޙައުލަކީ ކޮންމެ ކުއްޖަކަށްވެސް ތަޢުލީމީ ފުރުސަތުތައް ތަނަވަސްވެފައިވާ މާޙައުލަކަށް ހެދުމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަނގާކުރުން ހުއްޓުވުމާ ގުޅޭގޮތުން ސްކޫލް ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.