ސިޔާސީ

ނަޝީދުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުން އިތުރު އަޑުއެހުމެއް މިރޭ


އެކަށީގެންވާ މުއްދަތާއި ފުރުސަތު ނުދޭކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދްގެ ގާނޫނީ ޓީމުން ކޯޓަށް ހާޒިރްނުވުމުން ދައުލަތުން ނަޝީދްގެ މައްޗަށް ދައުވާކުރާ މައްސަލައިގައި ރޭ ބާއްވަން އޮތް އަޑުއެހުން ކެންސަލްކޮށް މިރެޔަށް ވަކީލުން އައްޔަންކުރުމުގެ ފުރުސަތު ކުރިމިނަލްކޯޓުން ނަޝީދަށް ދެއްވައިފިއެވެ.ނަޝީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ރޭ ބާއްވަން އޮތް އަޑުއެހުމުގައި އޮތީ  ދައުލަތުން ހުށައަޅާފައިވާ އޯޑިއޯ ވީޑިއޯ އަދި ބަޔާންތަކުގެ މައްޗަށް ހެކިބަސް ނެގުމެވެ.މައްސަލަ ފެށެން އޮތް ގަޑިއަށް ވުރެ އެއްގަޑިއިރު ފަހުން ޝަރީއަތް ފެއްޓެވުމަށް ފަހު މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ ދައުލަތުން ހުށައެޅި ހެކިތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ނުލިބޭކަމަށް ބުނެ ޝަރީއަތަށް ހާޒިރްވާން އުޒުރުވެރިވާކަމަށް ބުނެ ނަޝީދްގެ ގާނޫނީ ޓީމުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އަދި މި ސިޓީ ފޮނުވާފައިވަނީ މައްސަލަ ތާވަލްކޮށްފައިވާ ވަގުތަށްވުރެ ފަހުންކަމަށްވެސް މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވިއެވެ.ނަޝީދްގެ ގާނޫނީ ޓީމުން ފޮނުވި ސިޓީއަށް ޖަވާބްދެއްވަމުން މައްސަލަ ބައްލަވާ ބެންޗުން ވިދާޅުވީ މިމައްސަލައިގައި ނަޝީދްގެ ގާނޫނީ ޓީމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދެވިފައިވާކަމަށް ކޯޓުން ގަބޫލްކުރާކަމަށެވެ. މިގޮތުން މީގެ ތިން އަހަރެއްހާ ދުވަސްކުރިން ފެށުނު މައްސަލައިގެ ފައިލްތައް އޭރުންސުރެ ނަޝީދްގެ ގާނޫނީ ޓީމްއަތުގައި ހުންނާނެކަން ބެންޗުން ފާހަގަކޮށްފައިވެއެވެ.މީގެއިތުރުން ރޭގެ އަޑުއެހުމަށް ތައްޔާރުވުމަށް ނަޝީދާއެކު ޑޮކިއުމެންޓް ހެކިތައް ބަލަން  ވަގުތު ބޭނުންވާކަމަށް ބުނުމުން ފުލުހުންނަށް އެދިގެން އެކަން ހަމަޖައްސާދީފައިވާކަމަށާއި އިއްޔެ ހެދުނުންސުރެ ނަޝީދްގެ ގާނޫނީ ޓީމުން އުޅުނީ ނަޝީދާއެކު ދޫނިދޫގައިކަންވެސް މައްސަލަ ބައްލަވާ ބެންޗުން ފާހަގަކޮށްފައިވެއެވެ.މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށް އިހްތިޖާޖްކޮށް ޖެއްސުންކޮށް ކޯޓަށް ދަތިކުރާނަމަ ނަޝީދްގެ ގާނޫނީ ޓީމާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރްވެސް މައްސަލަ ބައްލަވާ ބެޗުން ދީފައިވެއެވެ.މިގޮތުން ވަކީލުންނާއި މެދު އެޅޭނެ ފިޔަވަޅުތައް ބަލާ އެކަމާއި މެދު ވިސްނަވާނެކަމަށްވެސް ފަނޑިޔާރުންގެ ބެންޗުން އިއުލާންކުރައްވާފައިވެއެވެ.މި މައްސަލައިގައި ރޭ ބޭއްވި އަޑުއެހުން ނިންމާލާފައިވަނީ މިރޭ އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާންކޮށް މިރެއަށް ނަޝީދަށް ވަކީލަކު އައްޔަންކުރުމަށް އިތުރު ފުރުސަތެއް ދެއްވުމަށްފަހުގައެވެ. އަދި މިރެއަށް ނަޝީދަށް ވަކީލަކު އައްޔަނު ނުކުރެވުނަސް މައްސަލަ ކުރިޔަށް ގެންދާނެކަންވެސް ބެންޗުން އިއުލާންކުރައްވާފައިވެއެވެ.ރޭގެ މައްސަލަ ފެށުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ނަޝީދްގެ ގާނޫނީ ޓީމުން ބުނީ ޝަރީއަތަށް ނުވަންނަން ނިންމީ ދައުލަތުން ހުށައަޅާފައިވާ ބައެއް ވީޑިއޯ ހެކިތައް ލިބިފައިނުވާއިރު ދިރާސާކުރުމަށް އެކަށީގެންވާ ވަގުތުވެސް ލިބިފައިނުވާތީކަމަށެވެ. އަދި އެކަށީގެންވާ ގޮތެއްގައި ނަޝީދަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްނުދެވޭނެކަމަށް ގަބޫލްކުރާކަމަށްވެސް ނަޝީދްގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ.