ސިޔާސީ

ރައީސް ޞާލިޙުގެ ދަޢުވަތު މެލޭޝިއާގެ ބޮޑުވަޒީރު ޤަބޫލުކުރައްވައިފި


މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދު ރާއްޖެ ވަޑައިގެންނެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ދަޢުވަތު އެމަނިކުފާނު ޤަބޫލުކުރައްވައިފިއެވެ.

ޑރ. މަހާތީރް މުޙައްމަދު ރާއްޖެ ވަޑައިގަންނަވާނެކަން ޤަބޫލުކުރައްވާފައި މިވަނީ ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމު މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް އެރުވުމަށް ރައީސް ޞާލިޙު ދެއްވެވި ސިޓީފުޅަށް ޖަވާބު ދެއްވަމުންނެވެ.

ކުރީގެ ރައީސް މަޢުމޫނު މެލޭޝިއާއަށް ކުރައްވާ މިދަތުރުފުޅުގައި ބޮޑުވަޒީރު މަހާތީރު މުޙައްމަދާއި ބައްދަލުކުރައްވާ، ރައީސް ޞާލިޙުގެ އެދިވަޑައިގަތުމުގެ މަތިން ދިވެހިންނަށް ދިމާވެފައިވާ ވިސާގެ މައްސަލަ ވަނީ ޙިއްސާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ޑިޕްލޮމެޓިކް ޗެނަލުން މަޝްވަރާކުރެއްވުމަށްފަހު އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަޢުމޫނު ވަނީ ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ޑރ. މަހާތީރް ވަނީ ދެ ޤައުމުގެ ސިޔާސީ ކަންތައްތަކަށް އަލިއަޅުއްވާލައްވާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ރާއްޖެއާއި މެލޭޝިއާއަށްވެސް ސިޔާސީ ގޮތުން ދިމާވެފައިވަނީ އެއްގޮތް ކަންތައްތަކެއްކަން އެމަނިކުފާނުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށާއި އިސްލާހީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާކަން ރައީސް މަޢުމޫން ޑރ. މަހާތީރާއި ޙިއްސާކުރެއްވިއެވެ. އަދި މިބައްދަލުވުމުގައި ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާއި ބެހޭގޮތުންވެސް ދެބޭފުޅުންވެސް މަޝްވަރާކުރެއްވިއެވެ.

ރައީސް މައުމޫނު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވާ ޢަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވިއެވެ.