ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ދަށުން ހިންގާ ކައުންޓަރ ޓެރަރިޒަމް ސްޓިއަރިންގ ކޮމިޓީ އާއި ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއަށް އަލަށް ކަނޑައެޅުއްވި މެމްބަރުންނާއި ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.
ކޯސްޓް ގަރޑް ބިލްޑިންގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީއެވެ.
މި ބައްދަލުކުރެއްވުމުގައި، ޓެރަރިޒަމާއި ހައްދު ފަހަނައެޅުމުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ޙާލަތު ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ރާއްޖޭގެ ޤައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުން ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން އިސްތިރާޖީ މަރުޙަލާގައި ކުރަން ހުރި މަސައްކަތްތަކާއި ދައުލަތުގެ މުއައްސަސާތަކުން އެކަމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ކުރިމަގުގައި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ އިސްތިރާޖީ ލަފާވެސް ކޮމިޓީގެ މެމްބަރުން ވަނީ ރިޔާސަތާ ހިއްޞާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރު މާރިއާ އަޙްމަދު ދީދީއާއި ޤައުމީ ދިފާއީ ބާރާއި ފުލުހުންގެ މުއައްސަސާގެ ބައެއް އިސް ބޭފުޅުންނާއި ކައުންޓަރ ޓެރަރިޒަމް ސްޓިއަރިންގ ކޮމިޓީއާއި ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީގެ ބައެއް އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.