ވިޔަފާރި

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަކުރަނީ!


މިއަހަރު ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން މި ދާއިރާއާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިއުލާންކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހެވެ.
މިދުވަހާއި ގުޅިގެން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ހާއްސަ އެއްކަމަކީ، ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅޭ ގުޅޭ މާސްޓަރ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށުންކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަމާޒުކުރަނީ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހާއި ހިސާބަށް ދިވެހިރާއްޖޭގެ ޓުއަރިޒަމްގެ ބޮޑެތި ކަންތައްތަކެއް، މީގެ ކުރިން ނުކުރާ ވަރުގެ ކަންތައްތަކެއް ކުރުމަށް. އެކަންކަން ކުރާނީ ދިވެހިރައްޔިތުންނަށްވެސް އޭގެ އުފާވެރިކަން ލިބޭ ގޮތަށް. އެހެންވީމަ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ޓުއަރިޒަމް މާސްޓަރޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށާނަން. އެކަމަށް މިނިސްޓްރީގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައި" ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ޓުއަރިޒަމް ދާއިރާގެ ޤަވައިދުތަށް އިސްލާކުރުމަށް ކުރަމުންދާ މަސައްކަތައް އިޝާރާތްކުރައްވާ އަލީ ވަހީދު ވިދާޅުވީ ކުރީގެ ބައެއް ޤޫނޫނުތަކާއި ޤަވައިދުތަކުގެ ސަބަބުން ދާއިރާގެ ފަރާތްތަކަށް އުނދަގޫވާކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މިފަދަ ޤާނޫނުތަކާއި ޤަވައިދުތަކަށް އިސްލާހު ހުށަހެޅުމަށް މިމަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް ދާއިރާގެ ހުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. މި ހިޔާލުތަކުގެ މައްޗަށް ބިނާކޮށް ދާއިރާގެ ޤާނޫނާއި ޤަވައިދުތަކަށް ބަދަލު ގެނައުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. މިނިސްޓަރ ވިދާޅުވީ މިއީވެސް ދާއިރާއަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނޭ ކަމެއްކަމަށެވެ.