ތަރައްްޤީ

ދެ އަހަރެއްހައި ދުވަހުގެތެރޭ ވިލިނގިއްޔާއި ގުޅީފަޅާއި ތިލަފުށި ބުރިޖަކުން ގުޅުވާލަނީ


ކުރިއަށް އޮތް ދެއަހަރާއި ބައިގެ ތެރޭގައި ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅުވާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ރަޝީދު އަބޫބަކުރު މިހެން ވިދާޅުވީ ރަށްފެހި ކެމްޕެއިންގެ ދަށުން ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރަށްފެހި ކެމްޕެއިންގެ ދަށުން ސްޓެލްކޯއިން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ހަރަކާތް ފައްޓަވައިދެއްވުމުގެގޮތުން ވާހަކަފުޅުދައްކަވަމުން، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ތިލަފުއްޓަކީވެސް ހުޅުމާލެފަދައިން އާއިލާއާއެކު ވަގުތު ހޭދަކުރަން ފަސޭހައިން އާދެވޭ ހިތްފަސޭހަ ރަށަކަށް ހެދުންކަމަށެވެ.

އެގޮތުން ތިލަފުށީގެ ކުނިގޮނޑުގައި ކުނި އެންދުން މިއަހަރުގެ ނިޔަލަށް ހުއްޓާލުމަށް ވެމްކޯއިން ނިންމާފައިވާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުނިގޮނޑުގައި ކުނި އެންދުން ހުއްޓާލުމަށްފަހު، ތިލަފުއްޓަށްގެންނަ ކުނި ޕެކްކޮށް ޚާއްސަ ކުނި އަންދާ މެޝިންތައް ބޭނުންކޮށްގެން ކުނި އެންދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވެ ދެކެ މިހުރީ ތިލަފުއްޓަކީ މާލޭގެ ރައްޔިތުން އާއިލާއާއި ދަރިންނާއިއެކު އަންނަން ބޭނުންވާ ވަރުގެ ރަށަކަށް ތިލަފުށި ބަދަލުކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތިލަފުއްޓާއި މާލެއާއި ވިލިނގިލި، ގުޅީފަޅު ބްރިޖަކުން ކުރިއަށްއޮތް ދެ އަހަރާއި ދެއަހަރު ބައިގެތެރޭގައި ނިމިގެންދާނެ. މިއާއިއެކު މާލޭގެ ރައްޔިތުން ހުޅުމާލެއަށް ދާ ބީދައިން އާއިލާއާއިއެކު ޒިޔާރަތްކޮށްލެވޭނެ." އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވިއެވެ.

ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ އަދި މާލެ ގުޅުވާލުމުގެ ވިސްނުން ކުރީގެ ސަރުކާރުން ވެސް ގެންގުޅުއްވި އެވެ.