ވިޔަފާރި

ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރަކަށް އެމް 7 ޕްރިންޓް


މޯލްޑިވްސް ގެޓަވޭސްއިން ބާއްވާ ގޯލްޑް 100 އެވޯޑުގެ މިއަހަރުގެ ގޯލްޑް ޕާޓްނަރަކަށް އެމް 7 ޕްރިންޓު ހަމަޖައްސައިފިއެވެ.

މިއީ ގޯލްޑް 100ގެ ޕާޓްނަރަކަށް އެމް 7 ޕްރިންޓް ހަމަޖެއްސި ތިންވަނަ ފަހަރެވެ. މި އެއްބަސްވުމުގައި ގޯލްޑް 100ގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ސަނީ އުމަރުއެވެ. އަދި އެމް 7 ޕްރިންޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުލް ސައްތާރެވެ.

އެމް 7 ޕްރިންޓަކީ 2007 ވަނަ އަހަރުން ފެށިގެން ޕްރިންޓުކުރުމުގެ އެކި ޚިދުމަތްތައް ދެމުން އަންނަ ކުންފުންޏެކެވެ. މި މަސައްކަތުގެ ތެރެއިން އެމް 7 އިން ދަނީ ސްކޫލަތް ބޭނުންވާ ތަފާތު ބާވަތުގެ މުދާ ރާއްޖެއަށް އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންނެވެ.

އެމް 7 ޕްރިންޓްގެ އިތުރުން މޯލްޑިވްސް ގެޓަވޭސްއިން ވަނީ މިއަހަރުގެ ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރުންނަށް އުރީދޫ މޯލްޑިވްސް އަދި ހޯކްސް މޯލްޑިވްސް ހަމަޖައްސާފައެވެ.

މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވާ ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ފާހަގަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑެކެވެ.

ގޯލްޑް 100 ކުންފުނީގެ ގޮތުގައި ހޮވޭ ކުންފުނިތައް މި ހަފްލާގައި ނެރޭ ގޯލްޑް 100 މެގަޒިންގައި ލިސްޓުކުރާއިރު މި ލިސްޓަކީ މިއީ ޚާއްސަ ކޮންސަލްޓެންސީ ކޮމިޓީއަކުން ބެލުމަށްފަހު ނެރޭ ލިސްޓެކެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރިތައް ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓްކުރުމަށް ވެސް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާކަމަށް މޯލްޑިވްސް ގެޓަވޭސް އިން ބުނެއެވެ. މި އަހަރުގެ ގޯލްޑް 100 ހަފްލާ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.