ސިޔާސީ

ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަދާލަތުން އަނބުރާ ގެންގޮސްފި


އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުންދިޔަ ތާއީދު އަނބުރާ ގެނދިއުމަށް އެޕާޓީގެ މަޝްވަރާ މަޖިލީހުން ރޭ ނިންމައިފިއެވެ.މި ބައްދަލުވުމުގައި ނިންމި ނިންމުން ހާމަކުރުމަށް ރޭ އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ މިސަރުކާރު ވުޖޫދަށް އައުމަށްފަހު ޤައުމުގައި ކޮރަޕްޝަނާއި ފަސާދަ ފެތުރި، އަދުލު އިންސާފު ގެއްލި، އަނިޔާވެރިކަން އިތުރުވަމުންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ހައްޤުތަކާ މިނިވަންކަން ހަނިކޮށްފައިވާކަމަށާއި، ބާރުތަށް އެއްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށްވެސް ތުހުމަތުކޮށްފައެވެ.އަދާލަތު ޕާޓީން ބުނީ އެޕާޓީގެ މަޝްވަރާ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މިކަން އިސްލާހް ކުރުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރި މަސައްކަތް ފެއިލްވުމުންކަމަށެވެ.އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ ރޭ ބޭއްވި މަޝްވަރާ މަޖިލީހުގައި މިމައުޟޫ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާކަމަށާއި، މި ނިންމުން ނިންމާފައިވަނީ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުންކަމަށެވެ. އަދި އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރަކު ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާތީ އެކަމާ އަދި ވަކިގޮތެއް ނިންމަވާފައި ނުވާކަމަށް ޒާހިރު ވިދާޅުވިއެވެ.އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދުއަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. އަދާލަތު ޕާޓީން މިނިންމުން ނިންމިއިރު މިނިސްޓަރ ޝަޙީމް ރާއްޖޭގައި ވަޑައިގެން ނޫޅުއްވައެވެ.އަދާލަތު ޕާޓީގެ މި ނިންމެވުމާމެދު މިނިސްޓަރ ޝަހީމްއާ ސުވާލުކުރުމުން ވަކިއެއްޗެއް އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ.އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ މަޝްވަރާ މަޖިލީހުގެ ރޭގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަމުން މިބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.އެމްބީސީއަށް އެގިފައިވާގޮތުގައި އަދާލަތުން ސަރުކާރަށް ކުރާ ތާއީދު ނެގުމުގެ މައްސަލާގައި ސީރިއަސް ޚިޔާލުތަފާތުވުންތަކެއް މަޝްވަރާ މަޖިލީހުގައި ފެނިގެންގޮސްފައިވެއެވެ.މަޝްވަރާ މަޖިލީހުގެ ވޯޓްލުން ގޮސްފައިވާގޮތާއިބެހޭގޮތުން އިތުރަށް ވާހަކަދައްކަން އެޕާޓީން އަދި ބޭނުމެއް ނުވެއެވެ. އަދި މިމައްސަލާގައި މިވަގުތު މީޑިއާއާއި ވާހަކަދައްކަވާނީވެސް ހަމައެކަނި ޕާޓީގެ ރައީސާއި ތަރުޖަމާންކަމަށް ކަނޑައަޅާފައިވެއެވެ.ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ ސަރުކާރާ އިދިކޮޅު ފަރާތްތަކާ ގުޅުމާމެދު ރޭ މަޝްވަރާ ކޮށްފައި ނުވާކަމަށެވެ.ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ މިކާމާ ގުޅިގެން ސަރުކާރުން އަދި ވަކިއެއްޗެއް ބުނަން ބޭނުންނުވާކަމަށެވެ.2013 ވަނައަހަރު ބޭއްވި ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީން ތާއީދުކުރީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށެވެ.