ސިޔާސީ

ށ. މިލަންދޫ ބައި އިލެކްޝަން ޕީޕީއެމުން ކާމިޔާބުކޮށްފި


ށ. މިލަންދޫ ކަންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި ވޯޓް ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

މި ވޯޓްގެ ވަގުތީ ނަތީޖާ ދައްކާގޮތުން މިދެ ގޮނޑި ކާމިޔާބުކޮށްފައިވަނީ، ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި، މުހައްމަދު މަންސޫރާއި، ހަސަން އަބްދުއްރަހްމާންއެވެ.

ފަސް ކެނޑިޑޭޓުން ވާދަކުރި ބައި އިލެކްޝަންގައި، މުހައްމަދު މަންސޫރަށް ލިބިފައިވަނީ، 558 ވޯޓެވެ. ހަސަން އަބްދުއްރަހްމާނަށް 596 ވޯޓެވެ.

އެމްޑިފީގެ ފަރާތުން ވާދަކުރެއްވި އަހްމަދު އަޒީމް އަށް ލިބިފައިވަނީ 459 ވޯޓު، ޖުމްހޫރީ ޕާޓިގެ ފަރާތުން ވާދަކުރެއްވި، މުހައްމަދު ރަޝީދަށް ލިބިފައިވަނީ 464 ވޯޓު އަދި  39 ވޯޓު ލިބިވަޑަގެންނެވި މުހައްމަދު ރަޝީދު އާދަމްވެސް ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުންނެވެ.

ޖުމްލަ ވޯޓުގެ އަދަދަކީ 2182އެވެ. އަދި ބާތިލް ވޯޓުގެ އަދަދަކީ 66 ކަމަށް އިލެކްޝަން ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކައެވެ.

މިލަންދޫ ކައުސިލްގެ ބައި- އިލެކްޝަން ބާއްވާފައިމިވަނީ، ކައުސިލްގެ ނައިބް ރައީސް ހަސަން ފަޔާޒް އާއި މުހައްމަދު ޔާސީން ޖެނުއަރީ މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު އިންތިޚާބުވި ކައުންސިލަރުންނާއެކު، މިހާރު ކައުންސިލްގައި ތިއްބަވާނީ ، ޕީޕީއެމްގެ 4 މެންބަރުންނާއި، ޖުމްހޫރި ޕާޓީގެ މެންބަރެކެވެ.