ޚަބަރު

މަޙްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަން އަންގައިފި


ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަން އިއުލާންކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މިނިސްޓަރ މަހްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމު ގޭގައި މަޑުކުރެއްވުމަށް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ.

މީ ފަހުގެ ތާރީހެއްގައި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތަކެއް ކުރެއްވުމުން ގޭގައި މަޑުކުރައްވަން އެންގެވި ފުރަތަމަ ފަހަރުއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ މަހްލޫފާއި އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން އެންގެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެމްއެމްޕީއާރްސީ ޚިޔާނާތާގުޅޭގޮތުން ނެރުނު ރިޕޯޓާއި ގުޅިގެން އެ މައްސަލަ ތަޙްޤީގު ނިމެންދެންކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން މިއަދު ޢާއްމުކުރި ރިޕޯޓުގައި ވާގޮތުން ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުން ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފާއި ސްޓޭޓްމިނިސްޓަރ އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

މަޙްލޫފުގެ އެކައުންޓަށް ތެއްތިރީސް ހާސް އެމެރިކާ ޑޮލަރު ނުވަތަ ފަސް ސަތޭކަ ތިރީސް ނުވަހާސް ހަތް ސަތޭކަ ރުފިޔާ ޖަމާކޮށްފައިވާއިރު އަކްރަމް ކަމާލުއްދީނުގެ އެކައުންޓަށް ތިރީސް ހާސް އެމެރިކާ ޑޮލަރު ނުވަތަ ހަތަރު ސަތޭކަ ފަސްދޮޅަސް ދެ ހާސް ހަސަތޭކަ ރުފިޔާވަނީ ޖަމާކޮށްފައެވެ.

އޭސީސީގެ ރިޕޯޓާ ގުޅިގެން މަޙްލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ މުޢާމަލާތް ހިނގާފައިވަނީ މީގެ ފަސް އަހަރު ކުރިން ކަމުން، އެކަމާ ދޭތެރޭ ކުޑަވެސް ފަރުވާލެއް ބެހެއްޓިފައި ނެތް ކަމަށެވެ. އަދި އެމުޢާމަލާތަކީ މަޙްލޫފުގެ އާއިލާއިން "ދަ ޖިންސް"ގެ ނަމުގައި ފިހާރައެއް ހިންގި ދުވަސްވަރު ނަގުދު ފައިސާ ދީގެން ޑޮލަރު ގަތުމަށް ހިންގާފައިވާ ސައްޙަ ކަރަންސީ އެކްސްޗޭންޖްގެ މުޢާމަލާތެއް ކަމަށްވެސް މަޙްލޫފުގެ ބަޔާނުގައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ މަޤާމުން އިސްތިއުފާދެއްވާނެކަމަށްވެސް މަހްލޫފްގެ ބަޔާނުގައިވެެއެވެ.

މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރަންސްކަން ހާމަކުރައްވާ ދާދި ފަހުން ފެށި ކެމްޕައިން ފައްޓަވާދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ "ޒީރޯ ޓޮލެރަންސް ޓު ކޮރަޕްޝަން" ކެމްޕޭނަކީ، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް ފަންތިއެއްގައި، ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް، ތަހައްމަލްނުކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމުގެ ގޮތުން މިހާރުވެސް، މި ސަރުކާރުން ވާނީ، ނަޒާހަތްތެރިކަމުގެ ބައެއް ސިޔާސަތުތައް ތަންފީޒުކޮށްފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ނުވަތަ ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ނަމަވެސް ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އެމަނިކުފާނުގެ ސަމާލުކަމަށް ގެންނެވުމަށްވެސް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވާފައެވެ. އަދި އެ ފަދަ މައްސަލަތައް ރައީސަށް ހުށައެޅުމަށް ހާއްސަ ޕޯޓަލެއްވެސް ސަރުކާރުންވަނީ ޤާއިމުކުރައްވާފައެވެ.