ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން އެންމެ ގިނަ ފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރަކަށް ފައިސާ ޖަމާކޮށްފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުން މިއަދު ޢާއްމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅޭ ރިޕޯޓުން ހާމަކޮށްފިއެވެ.
އޭސީސީން ކުރި ތަޙްޤީޤަށްފަހު ޢާއްމުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޚިޔާނާތުގެ ފައިސާ އެންމެ ގިނައިން ވަދެފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެމްއެމްޕީއާރްސީން ވިއްކާފައިވާ ފަޅުރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ފީގެ ގޮތުގައި ދަޢުލަތަށް ލިބެންޖެހޭ 77.45 މިލިއަން ޑޮލަރު ދަޢުލަތަށް ލިބެންޖެހޭއިރު އެސްއޯއެފްއަށް އެ ފައިސާގެ ތެރެއިން 59.45 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. އަދި ޑޮލަރުގެ މުޢާމަލާތްތަކެއް ކުރުމަށް ކަމަށްބުނެ 127 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމްއެމްޕީއާރްސީން ވަނީ އެސްއޯއެފްއަށް ޖަމާކޮށްފައެވެ.
މި ފައިސާގެ ތެރެއިން ގިނަ ޢަދަދެއްގެ ފައިސާތައް ވަނީ އަމިއްލަ އެކި ފަރާތްތަކަށް ޖަމާކޮށްފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސްޓޭޓް މިނިސްޓަރުންނަށް މި ފައިސާގެ ތެރެއިން އެކި ޢަދަދުތައް ވަނީ ޖަމާކޮށްފައެވެ.
ޚިޔާނާތުގެ ފައިސާގެ ތެރެއިން 80 މިލިއަން ޑޮލަރު އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު މި ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ އެކައުންޓަށް ވެސް ވަނީ 30،000 ޑޮލަރު ޖަމާކޮށްފަ އެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކައުންޓަށް ވެސް ވަނީ 29،000 ޑޮލަރު ޖަމާކޮށްފަ އެވެ.
މި ފަރާތްތަކުގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ޙިއްސާވާ ކުންފުނިތަކަށާއި އެފަރާތްތަކުގެ ޢާއިލީ ފަރާތްތަކަށްވެސް މި ފައިސާގެ ތެރެއިން އެކި ޢަދަދުތައް ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓުން ފާހަގަކުރެވެއެވެ. އެގޮތުން އޭދަފުށީ ދާއިރާގެ މެންބަރ އަޙްމަދު ސަލީމްގެ ޙިއްޞާ އޮންނަ ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑަށް 1.5 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިޙާން ޙުޞައިން މަނިކުގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު އިނާން ހުސެއިނަށް 150،000 ޑޮލަރު އެސްއޯއެފްއިން ވަނީ ޖަމާކޮށްފައެވެ.
އޭސީސީގެ ވެބްސައިޓުގައި ޢާއްމުކޮށްފައިވާ މި ރިޕޯޓުގައި 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމް.އެމް.ޕީ.އާރ.ސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.