ޚަބަރު

ބްރިޖްގެ މަސައްކަތް، ފެށުމުގެ މަސައްކަތް ޖޫންމަހު ނިންމާލެވޭނެ-


ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ، ޖަޕާނާއި، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެއަރޕޯޓްގައި ނޫސްވެރިންނަށް މިދަތުރުފުޅާބެހޭ އިތުރު މައުލޫމާތު ދެއްވަމުންނެވެ.އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި، ބްރިޖްގެ މަޝްރޫއު އަވަސްކުރުމަށް، ޖަޕާނާއި ޗައިނާގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށް އެދެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އެއަރޕޯޓްގައި، ނޫސްވެރިންނާއި ބައްދަލުކުރައްވާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ، ބްރިޖް އެޅުމަށް ބޭނުންވާ ތަފްސީލީ ކުރެހުންތަކާއި، ފީސިބިލިޓީ ސްޓަރޑީޒްއާއި، ޑިޒައިންތަކާއި، އެހެނިހެން މަސައްކަތްތަށް ވެސް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.މާލެ-ހުޅެ ބްރިޖް އެޅުމަށް ނިންމާފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.ސަރުކާރުން ރާވާފައިވަނީ މިއަހަރު ބްރިޖްގެ މަސައްކަތް ފަށާ ދެހާސް ސަތާރަވަނަ އަހަރަށް ނިންމާލުމަށެވެ. މީގެ އިތުރުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަޕޯޓްގެ ތަރައްގީއާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އެއަރޕޯޓް ތަރައްގީއަށް ބޭނުންވާ ލޯނު ލިބުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް މިހާރު ލިބިފައިވާކަމަށެވެ.އެގޮތުން އެއަރޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތަށް ބޭނުންވާ ލޯން އެއްބަސްވުމުގައި މޭމަހުގެ ތެރޭގައި ސޮއިކުރެވޭނެކަން މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، މިއީ ކުޑަ ދުވަސްކޮޅޭއްގެ ތެރޭގައި މިފަދަ ބޮޑެތި މަޝްރޫއުތަކަށް ލިބިނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.އެއަރޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ކުރިއަށްގެންދާނީ  ޖަޕާންގެ ތައިސޭ ކުންފުނިންނެވެ. މީގެ އިތުރުން އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތްތަކުގެ ދަށުން، މިހާރު ކުރިއަށްދާ އެއަރޕޯޓްގެ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި މިއަހަރުގެ ނިމުމުގެ ކުރިން ބޮއިންގ ޓްރިޕްލް ސެވަންގެ ހަތަރު މަތިންދާ ބޯޓުގެ ޖާގަ ހަމަޖެހިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.އެއަރޕޯޓް ތަރައްގީކުރުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ކުންފުންޏާއެވެ.އެއަރޕޯޓް ތަރައްޤީކޮށް ނިމުމުން އެއަރޕޯޓްގެ ޖާގަ ތިންގުނައަށް އިތުރުވެ އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް ސަރކާރުންވަނީ ބުނެފައެވެ. އަދި އެއަރޕޯޓް ތަރައްގީކުރެވޭއިރު، ޒަމާނީ ޓެކްސީވޭއަކާއި، ޓަރމިނަލްއާއި މަތިންދާ ބޯޓް ގުޅުވައިދޭ ނުވަ ބްރިޖް ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް ޔާމިންގެ އިޤްތިޞާދީ ސިޔާސަތަށް ޖަޕާން އަދި ޗައިނާގެ ސަރުކާރުގެ ތާއީދާއި އެއްބާރުލުން ވަރަށް ބޮޑުކަމަށެވެ. އެގޮތުން ސަރުކާރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކަށްވެސް ދެގައުމުގެ ކުންފުނިތަކުގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށް މިނިސްޓާރ ސައީދު ވިދާޅުވިއެވެ.