ވިޔަފާރި

އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް


ހުސްވި އަހަރު އިނގިރޭސިވިލާތުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.

މިދިޔަ އަހަރު އެޤައުމުން ރާއްޖެއަށް އެއް ލައްކަ ސާދަ ހާސް ހަ ސަތޭކަ އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އެއީ 2017 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކަމަށްވާ އެއް ލައްކަ ހަތަރު ހާހަށްވުރެ ގިނަ ފަތުރުވެރިންގެ އަދަދަށްވުރެ ދިހައެއް ޕޮއިންޓް ދޭއް އިންސައްތަ އިތުރު އަދަދެކެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. އެގޮތުން ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިނގިރޭސިވިލާތުންނެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރާ މުޅި ޖުމްލަ ފަތުރުވެރިންގެ 7.7 އިންސައްތަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދުވަނީ 1.4 މިލިއަން އަށް އަރާފައެވެ. އެއަދަދަކީ 2017ވަނަ އަހަރުގެ އެމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %6.8 އިތުރު އަދަދެކެވެ.

މި އަހަރުގެ ތެރޭގައި 20 ރިސޯޓް އަލަށް ހުޅުވިގެންދާއިރު ޓޫރިސްޓް އެނދުގެ އަދަދު 47،000 އަށް ވުރެ އިތުރުވެގެންދާނެއެވެ. އަލަށް ހުޅުވާ ރިސޯޓްތަކާއިއެކު، ސަރުކާރުގެ އަމާޒަކީ، މިއަހަރުގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

ދުނިޔޭގެ އިތުރު މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށްވެސް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.