ޚަބަރު

މަޖިލީހުގެ އެތެރޭގެ ސެކިއުރިޓީ ބަލަހައްޓާނެ އަންހެން އޮފިސަރުން ހޯދުން


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާނެ އަންހެން ސެކުރިޓީ އޮފިސަރުން ހޯދަން އިއުލާން ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން، މަޖިލިސް އިދާރާގެ އެތެރޭގެ ސަލާމަތީ ކަންކަން ބެލުމަށް ހަތަރު އަންހެން ބޭފުޅުން ބޭނުންވާ ކަމަށާއި އެޒިންމާ އަދާކުރެވޭނެ ޤާބިލްކަންހުރި އަންހެން އޮފިސަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނަކަށް ކަމަށާ ސާނަވީ އިމްތިހާނުގެ ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމުގެ އިތުރުން އެސްއެސްސީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް އޮންނަ އަންހެން ބޭފުޅުންނަށް ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

މަޖިލިސް އިދާރާގެ ސެކިއުރިޓީ އޮފިސަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮންނަން ޖެހޭނެ ކަމަށް ވަނީ ޝަރުޠުކޮށްފައެވެ. އަދި މިމަގާމުގެ މުސާރައާއި އެލަވަންސްގެ ގޮތުގައި ބާރަ ހާހަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް މަޖިލީހުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހު 25ގައި ފަށަން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ނިންމަވާފައިވާއިރު މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން، އެތަނަށް ވެސް ބައެއް ބަދަލުތައް ދަނީ ގެންނަމުންނެވެ.