ޚަބަރު

ކިންގް ސަލްމާން މިސްކިތް ބިނާކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ - ނާއިބު ރައީސް


ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތްކަމަށްވާ "ކިންގް ސަލްމާން" މިސްކިތް ބިނާ ކުރުމުގައި ސަރުކާރަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

ކިންގް ސަލްމާން މިސްކިތާއި މާވެޔޮ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް ނާއިބު ރައީސް މިއަދު އެ ދެ މިސްކިތަށް ވަޑައިގެން ވަނީ އެ ދެ މިސްކިތުގެ މަސައްކަތް ކުރިއަށް ދިއުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އޮޅުން ފިލުއްވާލައްވާފައެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ބައްލަވާ ލެއްވުމަށް އެ މިސްކިތަށް ވަޑައިގެން ނާއިބު ރައީސް ފައިސަލް ވަނީ މިސްކިތުގެ މަސައްކަތްތައް ކުރިއަށް ރޭވިފައިވާ ގޮތާއި ގުޅޭ މަޢުލޫމާތު ހޯއްދަވާފައެވެ.

ސަޢޫދީ ރަސްގެފާނު ދިވެހިރާއްޖެއަށް ހަދިޔާކުރައްވާ ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެކެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ އިސްލާމީ ވަޙުދަތު ދައްކުވައިދޭހެން ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާއެކު ހަ ފަންގިފިލައަށެވެ.

މިސްކިތުގެ ޢަމަލީ މަސައްކަތް ކުރުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޖޮއިންޓް ވެންޗަރ އުޞޫލުން ތުރުކީގެ ދެ ކުންފުންޏަކާއި ސަރުކާރުން ވަނީ ޙަވާލުކޮށްފައެވެ. ކިންގް ސަލްމާން މިސްކިތުގައި މިހާރު ކުރިއަށްދަނީ އެތެރޭގެ މަސައްކަތްތަކާއި މިސްކިތް ހިޔާކުރުމުގެ މަސައްކަތެވެ.

ކިންގް ސަލްމާން މިސްކިތުގެ ނަމާދުކުރުމަށް ޚާއްޞަ ބައިގައި 6000 މީހުން ނަމާދުކުރެވޭނެއެވެ. އަދި ބޮޑެތި ޖަމާޢަތްތަކުގައި މިސްކިތުގެ އެހެން ބައިތައް ހިމެނޭގޮތުން އެއްފަހާރާ ދިހަހާސް މީހުންނަށް ނަމާދުކުރެވޭނެއެވެ. ކިންގް ސަލްމާން މިސްކިތް ފަރުމާކޮށްފައިވަނީ ކުތުބުޚާނާއަކާއި، ޤުރުއާނާބެހޭ މަރުކަޒަކާއި، މަލްޓި ޕަރޕަސް ހޯލަކާއި، ޖަލްސާކުރާ މާލަމަކާއި، އޮޑިޓޯރިއަމަކާއި ޕާކިންގް އޭރިއާއެއްވެސް ހިމެނޭގޮތަށެވެ.

މާވެޔޮ މަގާއި މުއިވެޔޮ މަގު ދެކަފިވާ ތަނުގައި ތަރައްޤީކުރާ މާވެޔޮ މިސްކިތަކީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާމިސްކިތެކެވެ. ފަސްބުރިއަށް ފަރުމާކުރެވިފައިވާ މި މިސްކިތުގައި އެއް ފަހާރާ 1500 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތުގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގެންވެސް ނާއިބު ރައީސް ވަނީ މިސްކިތުގެ މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވާފައެވެ.