ޚަބަރު

މިފްކޯގެ 3 ބޯޓެއްގައި ތިމާވެއްޓާ ރައްޓެހި ގޭސް ބޭނުންކުރަން ފަށަނީ


މިފްކޯގެ 3 ބޯޓެއްގައި ތިމާވެއްޓާ ރައްޓެހި ގޭސް ބޭނުންކުރުމުގެ އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީއާއެކު ސޮއިކޮށްފިއެވެ.

މިފްކޯއާއި އެންވަޔަރަމަންޓް މިނިސްޓްރީއާ ދެމެދު ސޮއިކުރި މިއެއްބަސްވުމުގެ ދަށުން، މިފްކޯގެ 3 އުޅަނދެއްގައި ބޭނުންކުރާ ހައިޑްރޯފްލޮރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި ގޭހަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް އެންވަޔަރަމަންޓް މިނިސޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ފެންވަރުގައި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަށް ނައްތާލުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ކުރަން ނިންމި މަސައްކަތެއްކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއިން އެޗްސީއެފްސީ ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކުންވެސް ތިމާވެއްޓަށް ގެއްލުންލިބޭ ވިހަ ގޭސްތައް ބޭނުންކުރުން ހުއްޓާލުމަށް އިސްކަންދޭންޖެހޭކަމަށެވެ.

މިފްކޯގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން މިފްކޯގެ 3 ބޯޓެއްގައި މަސްފިނިކުރުމަށް އެޗްސީއެފްސީގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި އެހެން ގޭހެއް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިޕްރޮޖެކްޓަކީ މަލްޓިލޭޓްރަލް ފަންޑު ފޮރ ދަ އިންޕްލިމެންޓޭޝަން އޮފް ދަ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ފިޝަރީޒް ޑެމޮންސްޓްރޭޝަން ޕްރޮޖެކްޓެކެވެ.