ޚަބަރު

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރަކަށް ކުރިމަތިލައްވާ ބޭފުޅަކީ 25 އަހަރު ފުރި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި އޭނާއަކީ މުސްލިމަކަށް ވާންޖެހޭނެ ކަމަށާއި އެއީ ދިވެހި ރައްޔިތަކަށްވެސް ވާންޖެހޭނެ ކަމަށް އީސީގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލައިފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި އިޞްމާޢީލް ޙަބީބުގެ މެންބަރުކަމުގެ މުއްދަތު އަންނަ މަހުގެ 13ވަނަ ދުވަހަށް ހަމަވާތީއެވެ.

ޙަބީބުގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފާއި، ނައިބު ރައީސް އަމްޖަދު މުޞްތަފާއާ، ކޮމިޝަނުގެ މެމްބަރުން އަހްމަދު އަކްރަމް އަދި މެންބަރު އަލީ ނަޝާތެވެ.