ޚަބަރު

ޑެންގީއާއި ޗިކަންގުންޔާގެ ކޭސްތައް ރިޕޯޓްކުރާ އަދަދު މަދުވެއްޖެ- ހެލްތް މިނިސްޓްރީ


ރާއްޖޭގައި ފެތުރެމުންދާ ޑެންގީ އާއި ޗިކަންގުންޔާގެ ކޭސްތައް ރިޕޯޓްކުރާ އަދަދު މަދުވެފައިވާކަމަށް ހެލްތް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ މި ކޭސްތައް އެންމެ ގިނައިން ރިޕޯޓްކުރި ފ. ފީއަލީގެ އާންމު ޙާލަތުވެސް މިހާރު ރަނގަޅުވަމުން އަންނަކަމަށެވެ.

މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ރާއްޖޭގައި ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިތަށް ރިޕޯޓްކުރާ މިންވަރު އިތުރުވިނަމަވެސް މިހާރު މި އަދަދު މަދުވަމުންދާކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ ޑިސެމްބަރުމަހު ޑެންގީގެ 558 ކޭސް ރިޕޯޓުކޮށްފައިވާއިރު މިމަހުގެ މިހާތަނަށް ރިޕޯޓުކޮށްފައިވަނީ 107 ކޭސްކަމަށް އެ މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. އަދި މިއަހަރުގެ މިހާތަނަށް އައި އިރު ރާއްޖޭގެ އެކި ހިސާބުތަކުން ޗިކަންގުންޔާގެ 15 ކޭސް ރިޕޯޓްކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ރާއްޖޭގައި ޑެންގީހުން ފެތުރެމުންދިޔަނަމަވެސް އެކަން އެންމެންގެ ސަމާލުކަމަށް އައިސްފައިވަނީ، ޑެންގީ ހުން ޖެހިގެން ފ. ފީއަލީ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް 6 ކުއްޖަކު މާލެ ގެނައުމާ ގުޅިގެންނެވެ. ފީއަލިން އިތުރު ފަރުވާއަށް މާލެގެނައި 6 ކުދިންގެ ތެރެއިން އެއްކުއްޖަކު އިތުރަށް ހާލުދެރަވުމާ ގުޅިގެން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށްވެސް ވަނީ ފޮނުވާލާފައެވެ.

ފ. ފީއަލީގެ މިހާރުގެ އާންމު ޙާލަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފީއަލީ ހެލްތް ސެންޓަރުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ޢަބްދުﷲ ޒައީމް ވިދާޅުވީ، ޑެންގީ ހުން ޖެހިގެން ސިއްހީ މަރުކަޒުގައި މިހާރު އެއްވެސް މީހަކު އެޑްމިޓް ކޮށްފައިވާ ނުވާ ކަމަށެވެ. އަދި އެ މަރުކަޒަށް މިފަދަ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ މީގެ ދެދުވަސް ކުރިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފީއަލީގައި ޑެންގީ ކޮންޓްރޯލް ކުރުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ހޯދައި އެތަންތަން ސާފުކޮށް ރަށުތެރެ ފޮޤް ކުރުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން، ފީއަލީ ހެލްތް ސެންޓަރާއި ރަށު ކައުންސިލް ގުޅިގެން މިހާރު ވަނީ ފަށާފައެވެ. އަދި ގޭގެއަށް ގޮސް ބަލިން ރައްކާތެރިވުމާބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންވެސް ކުރިއަށްދާކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.

ފީއަލީގައި ޑެންގީ ހުންފެތުރުން ކޮންޓްރޯލްކުރެވުމާއިކު، އެ ރަށު ސްކޫލްގެ ކިޔެވުން އަންނަ އާދިއްތަދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް ފީއަލީ ސްކޫލުން މަޢުލޫމާތުދެއެވެ.