ވިޔަފާރި

ދުބާއީގެ އިންޓަރކޮންޓިނެންޓަލް އަންޑަރ 13 ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އިޝްތިހާރު ކުރަނީ


ދުބާއީގެ އިންޓަރކޮންޓިނެންޓަލް އަންޑަރ 13 ފުޓުބޯޅަ މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރއެއްގެ ގޮތުން މުބާރާތުގެ އެއް ޕިޗަށް "ވިޒިޓް މޯލްޑިވްސް" ނަންދީ، މުބާރާތުގައި ބައިވެރިވާ އެއް ޓީމުގެ ޖާރޒީ ރާއްޖެއިން ސްޕޮންސަރކޮށްފިއެވެ.

މި މުބާރާތުގައި ރާއްޖެ އިސްތިހާރު ކުރުމަށް ދުބާއީއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ތޭރައަހަރުން ދަށުގެ ރަސްމީ ޓީމުތައް ކުޅޭ މި މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރގެ ހައިސިއްޔަތުން ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، މިމުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރއަކަށް ރާއްޖެ ވުމުން، ލިބޭ ފައިދާތަކުގެ ތެރޭގައި އެމީހުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރެވޭނެކަމަށެވެ. އަދި އަދި ވިޒިޓް މޯލްޑިވްސްގެ މަރކެޓިން ވީޑިއޯތައް މިމުބާރާތް ހިނގާ ސަރަހައްދުތަކުގައި ދެއްކޭނެއެވެ.

"
މިމުބާރާތް ހޮސްޓްވާ ދުވަސްތަކުގެ ތެރޭގައި ދެ ޕިޗުގެ ތެރެއިން އެއްޕިޗް އަޅުގަނޑުމެން ސްޕޮންސަރކޮށް ވަނީ ދިވެހިރާއްޖޭގެ ނަމަށް ޚާއްސަކުރެވިފައި. މީއީ ވަރަށް ބޮޑު އިސްތިހާރެއް. މިމުބާރާތުގައި ބައިވެރިވާ ސްޕެނިޝް ސޮކަރ ސްކޫލް، ކޮންޕެޕެޓިވް ޓީމްގެ މެއިން ސްޕޮންސަކަން ނެގުމާއި ގުޅިގެން މުބާރާތުގައުި އެ ޓީމުން ލާ ޖާރޒީގައި ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ނަންވެސް ފެންނާނެ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ދުބާއީގެ ސްޕޯޓްސް ސިޓީގައި މިމަހުގެ 14 އިން 16 އަށް ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭ ދެ ޕިޗުގެ ކައިރީގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ތައްޔާރުކޮށްފައިވާ ވީޑިއޯތައް ދައްކާ ރާއްޖެ އިޝްތިހާރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުޅި ޕިޗާއި ޖަރޒީ ސްޕޮންސަރކުރުމާއި، މިމުބާރާތުގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރަން ކުރާ އެހެނިހެން ކަންތައްތައް ކުރުމުގެ އަޤަކީ އެންމެ ފަންސަވީސް ހާސް ޑޮލަރުކަމަށްވެސް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރގެ މިދަތުރުފުޅުގައި ބޭރުގެ ބޮޑެތި ޓީމުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ސްޕޮންސަރކުރުމާގުޅޭ މަޝްވަރާތަކާއި، ސްޕޯޓްސް ފެސިލިޓީއެއް ނުވަތަ ރަށެއް ރާއްޖޭގައި ތަރައްޤީކުރުމާގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވަމީ ގޮތުން ފާހަގަކުރެވޭ ފަރާތްތައް ރާއްޖޭގެ އެންބެސެޑަރުންނަށް ހެދުމާގުޅޭ މަޝްވަރާތައް ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ދުބާއީގެ އިންޓަރކޮންޓިނެންޓަލް އަންޑަރ 13 ފުޓުބޯޅަ މުބާރާތަކީ ސްޕެއިން އާއި ރިއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން، މިޝޭލް ސެލްގާޑޯ ފައުންޑިން މެންބަރައަކަށް ހުރެ ކުރިޔަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ތެރެއިން ސްޕެއިންގެ އެންމެ ވަރުގަދަ ދެ ކްލަބް ކަމަށްވާ، ބާސަލޯނާ އާއި ރިއާލް މެޑްރިޑްގެ އިތުރުން އިޓަލީގެ ޗެންޕިއަން ޔުވެންޓަސް އާއި އިނގިރޭސިވިލާތުގެ ޗެލްސީއާއި ޖަރުމަނުގެ ޗެންޕިއަން ބަޔާން މިއުނިކްގެ އިތުރުން އަރަބި ޤައުމުގެ ތަކުގެ 13 އަހަރުން ދަށުގެ ރަސްމީ ޓީމްތައް ބައިވެރިވާނެއެވެ.