ހއ ފިއްލަދޫގައި އެއް އަހަރު ދުވަހުގެ މެދުކެޑުމަކަށްފަހު ނާސަރީ އާއި ބޭބީ ނާރސަރީގެ ކުލާސްތަކުގެ ކިޔެވުން ފަށައިފިއެވެ.
ފިއްލަދޫ މަދަރުސާގައި ހިންގާ މި ކްލާސްތަކުގައި މިހާރު 10 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާއިރު މި ކުދިންނަށް ދިޔަވައި ދިނުމަށް ކައުންސިލްގެ ފަރާތުން ވަނީ ޓީޗަރަކުވެސް ހަމަޖައްސާފައެވެ. އަދި ފިއްލަދޫ މަދަރުސާގެ ކީސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންގެ އެހީތެރިކަންވެސް ލިބެމުންދާކަން ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް ވަނީ ފާހަގަކުރައްވާފައެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ފަލާހް ވިދާޅުވީ މިދިޔަ އަހަރު މިކުލާސްތައް ކުރިއަށް ނުގެންދެވިފައިވަނީ ފިއްލަދޫ މަދަރުސާގެ ކުލާސްރޫމްތަކުގައި މިކުލާސްތައް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހުއްދަ ދީފައި ނުވާތީ ކަމަށެވެ. އަދި ބޮޑު ޚަރަދެއް ކައުންސިލްގެ ފަރާތުންކޮށްގެން ނާސަރީ އާއި ބޭބީ ނާރސަރީ ކުލާސްތައް ކުރިއަށްގެންދިއުމަށް ވަކި ސުކޫލެއް އިމާރާތްކުރުމަކީ ދަތިކަމަކަށްވެފައިވުމުން ކުލާސްތައް ކުރިއަށްގެންދެވެން ނެތުމުން ހުއްޓާލަން ޖެހުނީކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ މިއަހަރު އަލުން ކްލާސްތައް ފަށާފައި މިވަނީ މިއަހަރު މިނިސްޓްރީއިން އެކަމަށް ހުއްދަދިނުމުން ކަމަށެވެ.