ޚަބަރު

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދަޢުވާކުރަން ކޯޓަށް ހުށަހަޅައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލައި އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

މަނީ ލޯންޑް ކުރުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެ މައްސަލާގައިވެސް ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

ފުލުހުން ބުނީ ކުރީގެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި މުއްދަތުގައި ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޢަބްދުﷲ ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމައްސަލައިގައި މަނީ ލޯންޑަރ ކުރުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުޙުމަތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ލީގަލް
އެފެއާޒް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަޙުޤީޤައި ފުލުހުން ހޯދި ހެއްކާއި ޤަރީނާތަކުން ފާހަގަކުރެވުނު ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެ ފައިސާއަކީ ދަޢުލަތަކަށް ލިބެންޖެހޭ ފައިސާކަމުން އެ ފައިސާ ދަޢުލަތަށް ޙަވާލުކުރުމަށް ދެންނެވިފައިވާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދަޢުލަތަށް ޙަވާލުނުކޮށް ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި އެ ފައިސާ ދައުރުކޮށް މުޢާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.