ވިޔަފާރި

ހުއްދަ ނެތި ފަތުރުވެރިން ބައިތިއްބާ ތަންތަނާމެދު ފިޔަވަޅުއަޅަން ފަށައިފި


ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނެތި އެއްވެސް ތަނެއްގައި ފަތުރުވެރިން ނުބޭތިއްބުމަށް އެމިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އޮޕަރޭޓިންގް ލައިސަންސެއްނެތި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ފަތުރުވެރިން ބޭތިއްބިކަމުގެ ހެކިލިބިފައިވާ ދެ ތަނެއްގެ މައްސަލަ ތަހްޤީގުކުރުމަށްޓަކައި މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހުށަހަޅާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޓިންގ ލައިސަންސްނެތި މީހުންއުޅޭ ރަށްރަށުގައި ފަތުރުވެރިން ބައިތިއްބާނަމަ އެފަރާތްތަކުގެ މަޢުލޫމާތު 30 ދުވަހުގެ ތެރޭގައި އެމިނިސްޓްރީއާ ހިއްސާކުރުމަށް ރަށު ކައުންސިލްތަކަށް އަންގާފައިވާކަމަށެވެ. އަދި އޮޕަރޭޓިންގ ލައިސަންސް ހަމަވެފައިވާ ތަންތަނަށް، އޮޕަރޭޓިންގ ލައިސަންސެއް ދެވޭފެންވަރަށް އިޞްލާޙުކުރުމަށް ފުރުޞަތުދިނުމުގެ ގޮތުން އެކަންކަން ރަނގަޅުކުރުމުގެ ޕްލޭނަކާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަގުތީ ހުއްދަ ދޫކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި، އެފަދަ ތަނެއްގެ ސަލާމަތާއި ރައްކާތެރިކަމާއި، މުވައްޒަފުންގެ ޙައްޤުތަކާއި ދައުލަތަށް ފައިސާ ދައްކަންހުރި މިންވަރުފަދަ ކަންކަން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ރާއްޖޭގައި އެއްވެސް ޓޫރިސްޓް ރިސޯޓެއް ހިންގަންވާނީ، "މިނިސްޓްރީ އޮފް ޓޫރިޒަމުގައި ރަޖިސްޓްރީކޮށް، ޓޫރިސްޓް ރިސޯޓު ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކުރާ ހުއްދަ ހޯދުމަށް ފަހުގައެވެ."

ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ ހުރިހާ ތަނެއްހުރީ ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލުމަށްޓަކައި ޓޫރިސްޓުންނަށް ޙިދުމަތްދޭ ހުރިހާތަނެއް އިންސްޕެކްޓްކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަނީ ފަށާފައެވެ.

އެގޮތުން މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ޓޫރިސްޓުންނަށް ޙިދުމަތްދޭ ހުރިހާތަނެއް އިންސްޕެކްޓްކުރުމަށް ނިންމާފައިވާއިރު، މި އިންސްޕެކްޝަން އެންމެ ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ ބޮޑުތިލަދުންމަތީގައެވެ.